މި ސަރުކާރުގެ ކެބިނެޓުން ޖާގަ ހޯދަން ނަޝީދު އުޅުއްވި: ޝުޖާއު

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި  ޝުޖާއު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ބަދަލުކުރަން އޭރުގެ އިދިކޮޅު ޕީޕީއެމުން ކުރި މަސައްކަތުގައި ބައިވެރިވުމަށް ނަޝީދު މަންދޫބުން ފޮނުއްވި ކަމަށެވެ.

އެގޮތުން އުނގޫފާރު ދާއިރާގެ އޭރުގެ މެންބަރު މުހައްމަދު ވަހީދުމެން ފަދަ މެންބަރުން މެދުވެރިކޮށް ދެކުނު ކަނޑުގެ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑުވިދާޅުވީ ނަޝީދު ފަހަތުގައި ހުންނަވައިގެން ކަން ޝުޖާއު ފާހަގަކުރެއްވި އެވެ.

“…އަޅުގަނޑުމެން ކައިރީގައި ބުނީ ކަލޭމެން ވެރިކަން ބަދަލުކުރަން ތި ކުރާ މަސައްކަތުގައި އަހަރެން ވެސް ލައްވާށޭ. އަޅުގަނޑުމެން ބުނިން މިކަމުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ފަރާތަކަށް ވެސް އެ ފުރުސަތު އެބައޮތޭ،” ޝުޖާއު ވިދާޅުވި އެވެ.

“މިހާރު އެމްޑީޕީއަށް ހެޔޮ އެދިގެން އުޅޭ ނަޝީދު އޭރު އެމްޑީޕީގެ ވެރިކަން ބަދަލުކުރަން ދެއްކި ވާހަކަ މިއީ.”

ޝުޖާއު ވިދާޅުވީ މި ސަރުކާރާ މެދު ނަޝީދު ހިތްޕުޅުޖެހިވަޑައިނުގަތީ ކެބިނެޓުން ޖާގައެއް ނުދެއްވުމުން ކަމަށެވެ. ކެބިނެޓުން ޖާގައެއް ހޯއްދަވަން ނަޝީދު އެދެވަޑައިގެންނެވި ކަމަށާއި އެއީ ނަޝީދަށް ޕީއެންސީގެ ސަރުކާރެއްގައި ދެވޭނެ ފުރުސަތެއް ނޫން ކަން ޝުޖާއު ފާހަގަކުރެއްވި އެވެ.

“އެއީ މައްސަލަ ޖެހުނު ހިސާބު. އެ ހިސާބުން ސައުތު އެފެރިކާއަށް ދާން މި ޖެހުނީ. މިކަން ހަސަން ލަތީފް ވެސް ހެކިވެވަޑައިގަންނަވާނެ،” ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ފިކުރިއްޔާތުގައި ރާއްޖޭގެ ހަރުމުދާ ވިއްކުމުގެ ވިސްނުން ހުންނަ ބަޔަކު ނާންނާނެ ކަމަށެވެ.