
ނަފްސާނީ މައްސަލަތަކުގައި ތަފާތު އަނިޔާތައް ލިބެމުންދާ ފަރާތްތަކަށް ދިވެހި އަދަބިއްޔާތުގެ ދާއިރާގެ އެހީގައި، ހާއްސަކޮށް ޅެންތަކުގެ ޒަރީއާއިން ފަރުވާ ދިނުމާ ގުޅޭ ބޮޑު ދިރާސާއެއް ރާއްޖޭގައި ހަދާ ނިމިފައިވާ ކަމަށް ދިވެހި ބަހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް އިއްޔެ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އާދަމް ނަސީރު މިހެން ވިދާޅުވީ، ރައީސް އޮފީހުގައި ބޭއްވި ބައްދަލުުވުމަކަށް ފަހު ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އޭނާ ހާމަކުރެއްވި ގޮތުގައި، ޅެމުން ފަރުވާ ދިނުމާ ގުޅޭ އެ ދިރާސާ ހެއްދެވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ވަހީދު (އޮގަރު ވަހީދު) ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، މިއީ ވަރަށް ބޮޑު ދިރާސާއެއް ކަމަށާއި އެ ދިރާސާ އޭނާ އަށް މިހާރު ލިބިވަޑައިގެންފައިވާ ކަމަށެވެ.
ނަފްސާނީ ބަލިތަކަށް ޅެމުން ފަރުވާ ދިނުމުގެ ދިރާސާތައް ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއި ބައެއް އަމިއްލަ ފަރާތްތަކުން ވެސް ކުރަމުން އަންނަ ކަމަށް މިނިސްޓަރު އާދަމް ނަސީރު ފާހަގަކުރެއްވިއެވެ. ނަމަވެސް، މިހާތަނަށް ނިމިފައި ވަނީ ޑެޕިއުޓީ މިނިސްޓަރު އޮގަރު ވަހީދު ހެއްދެވި ބޮޑު ދިރާސާ އެކަނި ކަމަށް ވަޒީރު ވިދާޅުވިއެވެ.
ދިވެހި ޅެންވެރިކަން ބޭނުންކޮށްގެން ނަފުސާނީ ބަލިތަކަށް ހާއްސަ ފަރުވާ ދެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ދިރާސާއެއް ކުރުމުގެ މަސައްކަތް ފެށިކަން މިނިސްޓަރު އާދަމް ނަސީރު އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ގދ. ތިނަދޫގައި ބޭއްވި ރަސްމީ ޖަލްސާގައެވެ.