ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު މިވަނީ ނުހަނު ބޮޑަށް ހަލަބޮލިވެފައެވެ. ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެވަނަ ދައުރަކަށް ވާދަކުރައްވަން ތައްޔާރުވަމުން ދާއިރު، ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އާ ބާރަކާއެކު ނިކުތުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ދިވެހިރާއްޖޭގެ ވެރިކަން ކުރައްވާފައިވާ ތިން ރައީސުން ކަމަށްވާ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި، ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާތަކެއް ކުރައްވަމުން ގެންދެވުމެވެ.
އްމި ތިން ރައީސުންނަކީ މީގެ ކުރިން ރާއްޖޭގެ ސިޔާސީ މައިދާނުގައި އެކަކު އަނެކަކުގެ އެންމެ ބޮޑު ދުޝްމަނުންގެ ގޮތުގައި ފާހަގަކުރެވިފައިވާ ބޭފުޅުންނެވެ. އެ ބޭފުޅުންގެ ސިޔާސީ ހަޔާތުގައި އެކަކު އަނެކަކަށް އަމާޒުކޮށް ވަރަށް ހޫނު ބަހުގެ ހަމަލާތައް ދެއްވައި، ސިޔާސީ ގޮތުން އެއްވެސް އިއްތިހާދެއް ނުހެދޭނެ ކަމަށް ބެލެވުނު ދުވަސްތަކެއް ވަނީ ފާއިތުވެފައެވެ. ހާއްސަކޮށް ރައީސް ޔާމީންގެ ވެރިކަމުގައި، އެމަނިކުފާނާ އެންމެ ބޮޑަށް ވާދަކުރެއްވި ރައީސް ނަޝީދު ޖަލަށްލައި، ދިގު މުއްދަތުގެ ހުކުމްތައް ކޮށްފައިވެއެވެ. އަދި އޭގެ ފަހުން ރައީސް ސޯލިހުގެ ވެރިކަމުގައި ރައީސް ޔާމީންގެ މައްޗަށް ވެސް ކޮރަޕްޝަނުގެ ތުހުމަތުތައް ސާބިތުވެ، އެމަނިކުފާނު ޖަލުގައި ހުންނެވި ދުވަސްވަރެއް ދިވެހިން ދުށްޓެވެ.
މިހާރު ފެންމަތިވެފައިވާ ގޮތުން، ނޫސްވެރިކަމުގެ މިނިވަންކަމާއި ގުޅޭ ކަންބޮޑުވުންތަކާ ގުޅިގެން މި ތިން ރައީސުން އެއް މޭޒަކަށް ވަޑައިގެން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ސަރުކާރުން ބުނަމުންދަނީ، މިއީ ހަގީގީ މަގުސަދެއް އޮވެގެން ކުރާ ކަމެއް ނޫން ކަމަށާއި، މިއީ 2028 ވަނަ އަހަރު ރައީސް ޑރ. މުއިއްޒު ބަލިކުރުމަށްޓަކައި ސިޔާސީ ގޮތުން ހެދޭ ރޭވުމެއް ކަމަށެވެ. ރައީސް ޔާމީން މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، އެމަނިކުފާނު އެމްޑީޕީއާއެކު ދުވަހަކުވެސް މަސައްކަތް ނުކުރައްވާނެ ކަމަށާއި، އެއީ ގެންގުޅުއްވާ ސިޔާސީ ފިކުރާ ހިލާފު ކަމެކެވެ. އެހެންކަމުން، މިފަދަ ބޭފުޅުންތަކެއް އެއް އަމާޒަކަށް މަސައްކަތް ކުރެއްވުމަކީ ދިވެހި ރައްޔިތުންގެ މެދުގައި ބޮޑެތި ސުވާލުތަކެއް އުފެދޭ ކަމެކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި އިއްތިހާދާ ގުޅޭ ގޮތުން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ، މީގެ ކުރިން އެކަކު އަނެކަކަށް ފަހަތުން ހަމަލާދީ، ހިޔާނާތްތެރިވެފައިވާ ބޭފުޅުންތަކެއް ގައުމުގެ ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ބޭފުޅުންނަކީ ނާކާމިޔާބުވެފައިވާ ބޭފުޅުންތަކެއް ކަމަށާއި، އެބޭފުޅުންގެ ސިޔާސީ ހަޔާތުގައި ގައުމަށް ގެނެސްދެވުނު ފައިދާއެއް ނެތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ސަރުކާރުން ގަބޫލުކުރާ ގޮތުގައި، މި މަސައްކަތަކީ އަމިއްލަ މަސްލަހަތު ހިމެނޭ ކަމެއް ކަމަށާއި، ރައްޔިތުންގެ ނިންމުންތަކަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ.