އެމްޑީޕީ ބައިގަނޑު ފެލިފެލި ތިއްބާ ހުޅުމާލެ ފޭސް ތިނެއްގެ 47 ހެކްޓަރު ބިން ހިއްކާ ނިމިއްޖެ

 

ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ހަލުވިކޮށްފައިވާއިރު، 47 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއްގެ ބިން ހިއްކާ މިހާރު ނިމިފައިވާ ކަމަށް އެމްއޭސީއެލްއިން ބުނެފިއެވެ. މިކަން ކުރަމުންދާތީ އިދިކޮޅު އެމްޑީޕީ ލޮލަށް ނިދިނައިސްގެން މުޒާހަރާކޮށް ރޫޅެނީއެވެ. އެހެންނަމަވެސް އެކަމަށް ސަމާޅުކަން ދޭވަރަށްވުރެ ސަރުކާރުގެ ދުވެލި މާ އަވަހެވެ.

އެމްއޭސީއެލް އިން ބުނީ، އެ މަސައްކަތުގެ 47 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއްގެ ބިން ހިއްކާ ނިމިފައި މިހާރު ވާއިރު، މުޅި މަސައްކަތުގެ 74.6 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. ހުޅުމާލެ ފޭސް ތިނެއް ހިއްކުން ހަލުވި ކުރުމަށް އިތުރު ޑްރެޖަރު ގެނެސް މަސައްކަތް ދަނީ ކުރިއަށެވެ. އެ ޑްރެޖަރުތައް ރާއްޖެ ގެނެސްފައިވަނީ މި މަހުގެ ކުރީކޮޅުގައެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފުރަތަމަ ދުވަހު ފެށި އެ މަޝްރޫއަށް މަޑުޖެހުމެއް އައީ، ހުޅުމާލޭގެ މާސްޓާ ޕްލޭން ރިވައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާތީއެވެ.

މި މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، ތިންވަނަ ފިޔަވަހިން ބިން ހިއްކުމުގެ މަސައްކަތްތައް އަލުން ފެށީ ނޮވެމްބަރު 10 ވަނަ ދުވަހު އެވެ.

ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި ގިރާވަރު، ގުޅީފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ މަސައްކަތް އަވަހަށް ނިންމައި، ބޯހިޔާވަހިކަމުގެ ފުރުސަތު ވީހާވެސް ގިނަ ރައްޔިތުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.