4 ހާސް ފްލެޓް : 3،879 ފަރާތަކާއެކު އެއްބަސްވުން ހަދައި، 399 ފަރާތަކަށް ތަޅުދަނޑި ހަވާލުކޮށްފި


“ގެދޮރުވެރިޔާ” ސްކީމުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅި 4000 ފްލެޓުގެ ތެރެއިން މިހާތަނަށް 3،879 ފަރާތަކާއެކު ފްލެޓް އެއްބަސްވުން ހަދައި، 399 ފަރާތަކަށް ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށް، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމުގެ ފްލެޓް ލިބުނު 3879 ފަރާތަކާއެކު މިހާތަނަށް އެއްބަސްވުން ގާއިމްކުރެވިފައިވާ ކަމަށެވެ. އަދި އެއްބަސްވުން ހެދިފައިވާ ހުރިހާ ފަރާތްތަކަށް އަންނަ ޖަނަވަރީ މަސް ނިމުމުގެ ކުރިން ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރެވޭނެކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

“މިހާތަނަށް މިދެންނެވި 4،000 ފްލެޓްގެ ތެރެއިން 3،879 ފަރާތަކަށް ފްލެޓް އެއްބަސްވުގައި ވަނީ ސޮއިކުރެވިފައި. އަދި 399 ފަރާތަކަށް ފްލެޓް ތަޅުދަނޑި ހަވާލުކުރެވިފައިވޭ. އެއްބަސްވުން ހެދިފައިވާ ހުރިހާ ފަރާތްތަކަށް މި ޖެނުއަރީ މަސްތެރޭގައި ތަޅުދަނޑި ހަވާލުކޮށް ނިމޭނެ.” މުއްތަލިބު ވިދާޅުވިއެވެ.

ފްލެޓް ހަވާލުކުރުން ލަސްވީ އެއްބަސްވުންތަކުގައި ފެނާއި ކަރަންޓުގެ މަސައްކަތްތައް ހިމެނިފައިނުވުމުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ނަމަވެސް މި ސަރުކާރުން މަސައްކަތްތައް އަވަސްކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން މުއްތަލިބް ފާހަގަކުރެއްވިއެވެ.

މައްޗަންގޯޅި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ވަނީ އަންނަ ދިރާސީ އަހަރު ސްކޫލްތައް ހުޅުވެން ވާއިރަށް ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެފްޑީސީން ތަރައްގީކޮށްފައިވާ 4000 ހައުސިން ޔުނިޓްގެ ހުރިހާ ޓަވަރަަކަށް މީހުންނަށް ވަދެވޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ.

ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަނީ ފިނިޝިން މަސައްކަތް ނިމުމުން، އެއްބަސްވުމުގައި ސޮއިކޮށް ޑިޕޮސިޓް ދެއްކުމުންނެވެ. ސަރުކާރުން ވަނީ ގަވާއިދުން ކުލި ދައްކާ ފަރާތްތަކަށް ބޮޑު ސަބްސިޑީއެއް ދިނުމަށް ނިންމަވާފައެވެ. ރައީސް މުއިއްޒު ވަނީ ފްލެޓްތަކުގެ ޑައުންޕޭމަންޓާއި މަހު ކުލި ކުޑަކޮށްދެއްވާފައެވެ. އެގޮތުން، ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް 8،500 ރުފިޔާ ޑައުންޕޭމަންޓާއި 10،000 ރުފިޔާ މަހު ކުލި، އަދި ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް 6،000 ރުފިޔާ ޑައުންޕޭމަންޓާއި 7،000 ރުފިޔާ މަހު ކުލި ދައްކަންޖެހޭ ގޮތަށް ބަދަލު ގެނެސްފައިވެއެވެ.

ކުރިން ޑައުންޕޭމަންޓް ދައްކާފައިވާ ފަރާތްތަކަށް ބާކީވާ ފައިސާ މަހު ކުލިން އުނިކުރެވޭނެއެވެ. މީގެ އިތުރުން، ތަޅުދަނޑި ހަވާލުކުރާ ތާރީޚުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ކުލި ދައްކާކަށް ނުޖެހޭނެއެވެ. ނަމަވެސް، މެއިންޓެނަންސް ފީ ދައްކަން ޖެހޭނެއެވެ.