ސްޕެނިޝް ލީގުގައި ބާސެލޯނާ 4-2 ގެ ނަތީޖާ އަކުން ވެލެންސިއާ ބަލިކުރި މެޗުގައި, އެ ޓީމުގެ އިތުބާރު ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ހެޓްރިކް ހަދައިފި އެވެ.
ސްޕެނިޝް ލީގު ތާވަލުގެ ދެ ވަނައިގައި ބާސެލޯނާ އޮތީ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެ 11 ޕޮއިންޓް މަދުކޮށެވެ. އެހެންވެ, ލީގު ހޯދުމަށް ބާސެލޯނާ ކުރަމުން އަންނަ މަސައްކަތް މިހާރު ވުމަށް ވުރެ އެއީ ނުވުން ގާތް ކަމެކެވެ.
މި މެޗުގެ 22 ވަނަ މިނެޓުގައި ބާސެލޯނާ އިން ވަނީ ގޯލު ޖަހާ ލީޑު ނަގައިފަ އެވެ. ރަފީނިއާގެ އެހީތެރިކަމާ އެކު, މި ގޯލު ބާސެލޯނާ އަށް ޖަހާދިނީ ފާމިން ލޮޕޭޒް އެވެ. އެކަމަކު، އޭގެ ފަސް މިނެޓު ފަހުން ވެލެންސިއާ އިން ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ ހޫޑޯ ޑޫރޯ އެވެ. އަދި މެޗުގެ 38 ވަނަ މިނެޓުގައި ވެލެންސިއާ އަށް ލީޑު ނަގާދިނީ ޕޮޕެލޫ ޖަހާދިން ޕެނަލްޓީ އިންނެވެ. މިއީ ރޮނާލްޑް އަރައުހޯ ބާސެލޯނާގެ އޭރިއާ ތެރެއިން ވެލެންސިއާގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އަކުން ޕޮޕެލޫ ކާމިޔާބުކުރި ގޯލެކެވެ.
ވެލެންސިއާ އަށް މައްސަލަތަކާ ކުރިމަތިވީ އެ ޓީމުގެ ކީޕަރު ޖިއޯޖީ މަމަޑަޝިވީ, އޭރިއާ ބޭރުން ބޯޅައިގައި އަތްލުމާ ގުޅިގެން ދެއްކި ރަތް ކާޑާ އެކުގަ އެވެ.
ބާސެލޯނާ އިން ވަނީ މެޗުގެ ދެ ވަނަ ހާފު އެއްކޮށް ޑޮމިނޭޓް ކޮށްފަ އެވެ. އަދި މި ހާފުގައި އެ ޓީމުގެ ތަފާތަކަށްވީ ލެވަންޑޯސްކީ އެވެ. ލެވަންޑޯސްކީ ވަނީ ދެ ވަނަ ހާފުގައި ތިން ގޯލު ޖަހާ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ.
ލީގުގައި ބާސެލޯނާ އަށް ބާކީ ފަސް މެޗު އެބައޮތެވެ. އެ ޓީމުން ލީގު ތާވަލުގެ ދެ ވަނައިގައި އޮތީ ކުޅުނު 33 މެޗުން 73 ޕޮއިންޓް ހޯދައިގެންނެވެ. ލީގު ތާވަލުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑަށް 33 މެޗުން 84 ޕޮއިންޓް ވަނީ ލިބިފަ އެވެ.