ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ބަޔާން މިއުނިކާ ދެކޮޅަށް ކުޅޭއިރު އެ ޓީމު މި ވަގުތު އޮތް ހާލަތެއް ބެލުމަށް ވުރެ، ކުޅެން ޖެހެނީ ޔޫރަޕްގެ ވަރުގަދަ ބާރަކާ ދެކޮޅަށް ކަމަށް ވިސްނައި، ރަނގަޅަށް ތައްޔާރުވުން މުހިންމު ކަމަށް ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
ބަޔާނުން ޖެހިޖެހިގެން 11 އަހަރު ޖަރުމަނު ލީގު ހޯދާފައި އޮއްވައި އެ ޓީމު އަތުން ވަނީ މި ސީޒަނުގައި ލީގު ގެއްލިފަ އެވެ. އެހެންވެ، އެ ޓީމުގެ ފޯމަށް ކޮންމެ ވެސް ވަރެއްގެ އަސަރެއް ކުރި އެވެ.
އެކަމަކު، އަންޗެލޮޓީ ދެކޭ ގޮތުގައި، ހަ ފަހަރު ޗެމްޕިއަންސް ލީގުގެ ތަށި ހޯދާފައިވާ ބަޔާނުން މި ފަހަރުގެ މުބާރާތް ކާމިޔާބު ކުރަން އިތުރު ހިތްވަރެއް ލާނެ އެވެ. އެއީ، މި މުބާރާތަކީ، ދެން އެ ޓީމުގެ ސީޒަން ސަލާމަތްކުރަން ހޯދޭނެ ތަށްޓަށް އޮތް ހަމައެކަނި ފުރުސަތު ކަމަށްވާތީ އެވެ.
“ފޭވަރިޓަކަށް ރެއާލް ވެދާނެ، އަހަރެން އެކަމަކާ ނުވިސްނަން. އަހަރެމެން ކޮންފިޑެންސާ އެކު މި ތިބީ ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅެން. ބަޔާނުން ޖަރުމަނު ލީގުގައި ރަނގަޅަށް ނެތަސް، ޗެމްޕިއަންސް ލީގުގައި ވަރުގަދަ ޓީމެއް ކަޓުވާލައިފައި މި ހިސާބުގައި އެ އޮތީ،” އަންޗެލޮޓީ ބުންޏެވެ.
އޭނާ ބުނީ މި ސީޒަނަށް ބަލާއިރު، އާސެނަލަކީ ޔޫރަޕްގައި ވެސް ވަރަށް ވަރުގަދަކޮށް އޮތް ޓީމެއް ކަމަށާއި އެ ޓީމު ކަޓުވާލައިފައި، ބަޔާނުން ހަތަރު އަހަރު ތެރޭ ފުރަތަމަ ފަހަރަށް ސެމީ ފައިނަލަށް ދަތުރުކުރުމަކީ ކުޑަ ކަމެއް ނޫން ކަމަށެވެ.
“ފަސޭހައެއް ނުވާނެ، އަހަރެމެން ވަރަށް ވިސްނުންތެރިކަމާ އެކު ކުޅެން ޖެހޭނީ،” އަންޗެލޮޓި ބުންޏެވެ.
ބަޔާނާއި ރެއާލް އަކީ ވެސް ތަފާތު އެކި ސްޓައިލްތަކަށް ކުޅެވޭނެ ފެންވަރު ހުރި ޓީމުތަކެއް ކަމަށާއި އެހެންވެ، ވަކި ގޮތަކަށް ޔަގީންކަމާ އެކު ތައްޔާރެއް ނުވެވޭނެ ކަމަށް އަންޗެލޮޓީ ބުންޏެވެ. މީގެ އެންމެ މުހިންމީ ވީހާވެސް ވިސްނުންތެރިކަމާ އެކު ރަނގަޅަށް މަސައްކަތް ކޮށްގެން ކުޅުން ކަމަށް އަންޗެލޮޓީ ދެކެ އެވެ.
ސާދަ ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ރެއާލުން މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރަށުންބޭރުގައި ބަޔާނާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ގަ އެވެ.