ދުނިޔޭގެ އެންމެ ބޮޑު އެއާޕޯޓު ޓާމިނަލް ޔޫއޭއީގެ ދުބާއީގައި ތަރައްގީ ކުރަން ނިންމާފައިވާކަން ދުބާއީގެ ވެރިޔާ ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމް އިއުލާން ކުރައްވައިފި އެވެ.
ޝައިހް މުހައްމަދު “އެކްސް” ގައި ލިއުއްވި ލިއުމެއްގައި ވިދާޅުވީ އަލް މަހްތޫމް އިންޓަނޭޝަނަލް އެއާޕޯޓުގައި 35 ބިލިއަން ޑޮލަރު ހަރަދުކޮށްގެން ދުނިޔޭގެ އެންމެ ބޮޑު އެއާޕޯޓު ޓާމިނަލް ތަރައްގީކުރަން ނިންމާފައިވާ ކަމަށެވެ.
އެ އެއާޕޯޓު ތަރައްގީކޮށް ނިމޭއިރު އެ އެއާޕޯޓު ދުބާއީ އެއާޕޯޓަށްވުރެ ފަސް ގުނަ ބޮޑުވާނެ ކަމަށާއި، އަހަރަކު 260 މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދެވޭނެ ކަމަށް ޝައިހް މުހައްމަދު ވިދާޅުވި އެވެ.
“ކުރިއަށް އޮތް އަހަރުތަކުގައި ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގެ ހުރިހާ އޮޕަރޭޝަނެއް އަލް މަހްތޫމް އިންޓަނޭޝަނަލް އެއާޕޯޓަށް ބަދަލު ކުރާނެ.” ޝައިހް މުހައްމަދު ވިދާޅުވި އެވެ.
އަލް މަހްތޫމް އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ނިމޭއިރު ފަސް ރަންވޭއެއް ހުންނާނެ އެވެ. އަދި 400 އެއާކްރާފްޓް ގޭޓު ހުންނާނެ އެވެ.
2010 ވަނަ އަހަރު ހުޅުވި ދުބާއީ އެއާޕޯޓު މިދިޔަ އަހަރު 87 މިލިއަން ފަތުރުވެރިން ބޭނުން ކޮށްފައިވާއިރު، މިދިޔަ އަހަރު އެ ގައުމަށް 17.15 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފަ އެވެ.