ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ހުރިހާ ސިފައިން، ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވި ގޮތަށް އިންޑިއާ އިން އަނބުރާ ގެންގޮސް މިއަދު ނިންމާލައިފި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފަހު ބެޗް ފުރިކަން ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލު ވަނީ “ވަގުތު” އަށް މިއަދު ކަށަވަރުކޮށްދެއްވާފައެވެ.
ހަލީލު ވިދާޅުވީ އެކަމުގެ ތަފްސީލު ސަރުކާރުން ފަހުން ހާމަ ކުރައްވާނެ ކަމަށެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެ މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފަހު މެޗު މިހާރު އަނބުރާ ގައުމަށް އައިސްފައިވާ ކަމަށެވެ. އަދި އިންޑިއާ ސިފައިންގެ ބަދަލުގައި އުޅަނދުތައް އޮޕަރޭޓްކުރަން މަދަނީ މީހުން ރާއްޖެ ގޮސްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އިންޑިއާގެ ސިފައިންގެ ފުރަތަމަ ބެޗް ރާއްޖެ އިން ފޭބީ މާޗް މަހުގެ ކުރީކޮޅު އެވެ. އަދި ދެވަނަ ބެޗް ފޭބީ މިދިޔަ މަހުގެ ކުރީކޮޅުއެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު ބާއްވާ ހައިލެވެލް ކޯރ ގްރޫޕްގެ ބައްދަލުވުންތަކެއް ވެސް މިކަމާއި ގުޅޭގޮތުން މީގެކުރިން ބޭއްވިއެވެ. ދެ ގައުމުގެ ވާހަކަތަކަށް ފަހު އެއްބަސްވީ ރާއްޖޭގައި އޮޕަރޭޓު ކުރާ އިންޑިއާ އުޅަނދުތަކަށް ސިފައިންގެ ބަދަލުގައި މަދަނީ މީހުން ލުމަށެވެ.
މީގެ އިތުރުން ހައިލެވެލް ކޯރ ގްރޫޕްގެ ފަސްވަނަ ބައްދަލުވުން ޖޫން/ޖުލައި މަސް ތެރޭގައި މާލޭގައި ބޭއްވުމަށް ވެސް އެއްބަސްވެފައިވާ ކަމަށް ރާއްޖޭގެ ޚާރިޖީ ވުޒާރާ އިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމެވެ.
ރައީސް އިއުލާން ކުރެއްވި 100 ދުވަހުގެ ޕްލޭންގައި ވެސް އިންޑިއާ ސިފައިން ފޮނުވާލުން ހިމެނޭ އިރު، މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު، ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި ރާއްޖޭގައި 88 އިންޑިއާ ސިފައިން ތިއްބެވެ.