ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން ގެންދާ ހަމަލާތަކުގައި ފަލަސްތީނުގެ ސިއްހީ ހިދުމަތްތެރިންނަށް ވެސް ރައްކާތެރި ކަމެއް ނެތް ކަމަށް ފަލަސްތީނުގެ ޣައްޒާގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން މިއަދު ވަނީ ފަލަސްތީނުގެ ޣައްޒާގެ އެންމެ ބައިބޯ ރެފިއުޖީ ކޭމްޕް ކަމަށްވާ ޖަބަލިއާ ރެފިއުޖީ ކޭމްޕުގައި ފަލަސްތީނުގެ ނަރުހެއް ގަޔަށް ބަޑި ޖަހައި ޝަހީދުކޮށްލާފައެވެ. އެ ނަރުސް ކުއްޖާ ގަޔަށް ޔަހޫދީ އަނިޔާވެރި ސިފައިން ބަޑި ޖަހާފައިވަނީ އެ ކުއްޖާ ޒަހަމްވެފައިވާ ފަލަސްތީނުގެ ރައްޔިތަކަށް ފަރުވާދޭން މަސައްކަތަ ކުރަނިކޮށް ކަމަށް ފަލަސްތީނުގެ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.
ޔަހޫދީންގެ ހަމަލާތަކުގައި ޒަހަމްވާ މީހުންނަށް ސިއްހީ ފަރުވާދިނުމަށް ހުރަސް އެޅުމަކީ ޔަހޫދީ އަނިޔާވެރި އަސްކަރިއްޔާގެ ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި ޣައްޒާގައި ވެސް ގެންގުޅޭ އަނިޔާވެރި މަކަރުވެރި އުކުޅުތަކުގެ ތެރެއިން އެއް އުކުޅެކެވެ.
ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އާއި ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދުގެ މުޖާހިދުންނާއި ދެމެދު މިއަދު ވަނީ ޖަބަލިއާ ރެފިއުޖީ ކޭމްޕުގައި ވަރަށް ވަރުގަދަ ބަޑީގެ ހަމަލާތަކެއް ބަދަލުކޮށްފައެވެ.
ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންދާ ހަމަލާތަކަށް 7 މަސް ވެފައިވާ އިރު ޔަހޫދީންގެ ހަމަލާތަކުގައި ފަލަސްތީނުގެ ސިއްހީ ހިދުމަތްދޭ ފަރާތްތައް ވަނީ ވަރަށް ބޮޑަށް ނަފްސާނީވެފައި ކަމަށާއި ބިރުވެރިކަމާއި ކަންބޮޑުވުން އެމީހުންގެ ހިތުގައި ވާ ކަމަށް ފަލަސްތީނުގެ ޣައްޒާގެ ސަރުކާރުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
ޣައްޒާގައި ސިއްހީ ހިދުމަތްދޭ ފަރާތްތަކަށް އެއްވެސް ކަހަލަ ރައްކާތެރިކަމެއް ނެތް އިރު ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާގެ ހަމަލާތަކުގައި މިހާތަނަށް ޣައްޒާ އިން 500 އަށް ވުރެ ގިނަ ސިއްހީ އެހީތެރިން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ހަމާސްގެ ސަރުކާރުގެ ސިއްހަތާއި ބެހޭ ވުޒާރާ އިން ވަނީ ބުނެފައެވެ.