ކުރީގެ ރައީސް ޔާމީނު އަކީ ކޮރަޕްޓް ވަގެއްކަމަށް ބުނެ ދައުލަތް ދަވާލި ޔާމީނުގެ ދިފާއުގަ އެންމެ އަޑުހަރުކޮށް ވަކާލާތުކުރި ބޮނޑިބަތް ޖަމީލު މިސަރުކާރުގެ ކޮރަޕްޝަން ވާހަކަ ދައްކަން ފަށައިފިއެވެ.
ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ، ރައީސް މުއިއްޒުގެ ވެރިކަމަށް ވީތީ ކޮރަޕްޝަނާ ވައްކަން ހުއްދަވީތޯއާ އިސްލާމީ ޝަރީޢަތާ އެއްގޮތަށް އަދަބު ދީ އަތް ކަނޑާނަމަ މަންޒަރު ކިހިނެތް ފެންނާނެބާއޭ ޖަމީލުގެ ހިތަށް އަރާ ކަމަށެވެ.
އޭނާ ބުނީ ޔާމީނަކީ ވަގެއްކަމަށާއި ޔާމީން ޖަލަށްލާން ޖެހޭ ކަމަށްބުނެ ވަކާލާތުކޮށްފަ ޔާމީން ޙުކުމް ތަންފީޒުކުރަން ފެށީމަ ޔާމީންގެ ދިފާޢީ ވަކީލުކަން ކުރީމަ ވައްކަމާ ކޮރަޕްޝަން ޖަމީލުއަށް ހުއްދަވީތޯއެވެ.
ޖަމީލުގެ ލަދުހަޔާތެއް ހުރިނަމަ މިއަދު ނުކުމެ ކޮރަޕްޝަނޭ ނުކިޔާނެއެވެ. އޭނަ އަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރު އުފެދުނުއިރު އެސަރުކާރާއެކު ހުރެ ޔާމީނަކީ ބޮޑު ވަގެއް ކަމަށާއި އޭނާގެ އަތްކަނޑަންޖެހޭ ކަމަށް ރާއްޖެއާއި ރާއްޖޭން ބޭރުގައި އަޑު އުފުލި މީހެކެވެ. ދިވެހި ދަޢުލަތުން ކުރި އެންމެ ބޮޑު ވައްކަން ކުރިކަމަށް ސާބިތުވެ ހުކުމް ތަންފީޒުކުރަން ޔާމީނު ފެށުމާއެކީ ޖަމީލު އައިސް ވަކާލާތު ކުރަންފެށީ އެބުނާ ބޮޑު ވަގު ޔާމީނާއެކުގައެވެ.
އަބަދުވެސް ޖަމީލު ގަބޫލުކުރަނީ ޔާމީނަކީ ވަގެއްކަމަށެވެ. އެ ގަބޫލުކުރުމަށް އެއްވެސް ބަދަލެއް ނާންނަކަން ޔާމީނުގެ ޝަރީޢަތްތަކުގައި ޖަމީލު ވަކާލާތު ކުރިގޮތުން ސާފުވެގެންދެއެވެ. މައްސަލާގައި ޖަމީލު ބޭނުންވާ ގޮތަށް ފުރޮޅާ ނުލެވިގެން ދިޔައީ ދިފާއީ ވަކީލު އާދަމް ޝަމީމް މެންނާ ހެދިކަމަށް ވެއެވެ.
އުފެދޭ ސުވާލަކީ ޔާމީނަކީ ވަގެއްކަމަށް ޖަމީލު ހިތުގެ އަޑިން ގަބޫލު ކުރާއިރު ޔާމީނުގެ ދިފާއީ ވަކީލުންގެ ޓީމުގައި ޖަމީލު އެކުރީ ކީއްކަމާ މެދު އުފެދޭ ސުވާލެވެ. ޖަމީލު ޔާމީނާ މެދު ދެކޭ ބޮޑު މަންޒަރު އާދަމް ޝަމީމުމެންނާ ހުރެ ދައްކާ ނުލެވިގެން އުޅޭއިރު ޖަމީލުގެ ބޮޑު މަންޒަރު ތިލަކޮށްދެވޭނީ ކޮން އިރަކުން ބާއެވެ. އެ މަންޒަރެއް ތިލަވާއިރު ކިހާވަރަކުން ދާނެ ބާވައެވެ.