ދައުލަތުގެ ދަރަނި އަދާކުރަން ދުރާލާ ތައްޔާރުވާން އުފެއްދި ސޮވަރެންގް ޑިވެލޮޕްމަންޓު ފަންޑުގައި ހުރި ޑޮލަރު އެމްޑީޕީ ސަރުކާރުން ނަގައި 2 މިލިޔަން ޑޮލަރަށް މަދުކޮށްފައިވަނިކޮށް، މި ސަރުކާރުން އެ ފަންޑަށް ފައިސާ ޖަމާކޮށް މިހާރު 54 މިލިޔަން ޑޮލަރު އެބަހުރި ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ޖަގަހަ ހުޅުއްވައިދެއްވަމުން ރައީސް ވިދާޅުވީ، ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު، ދައުލަތުގެ އެތެރޭގެ ދަރަނީގެ ގޮތުގައި ހުރި 11 ބިލިއަން ރުފިޔާ ދެއްކުމަށްފަހު ބޭރުގެ ދަރަނީގެ ގޮތުގައި 2.7 ބިލިޔަން ދެއްކުމުގެ އިތުރަށް އެސްޑީއެފް ފަންޑަށް ވެސް މިސަރުކާރުން ފައިސާ ޖަމާކުރި ކަމަށާއި އެ ފަންޑުގައި މިހާރު 54 މިލިޔަން ޑޮލަރު އެބަހުރިކަމަށެވެ.
“އެ ފަނޑުގައި ހުރި ފައިސާ ވެސް މިދިޔަ ސަރުކާރުން ބޭނުންކޮށްލީ. 2 މިލިއަން ޑޮލަރަށް މަދުވެފައި ހުރީ. އަޅުގަނޑުމެން 11 ބިލިޔަން ރުފިޔާ ދެއްކުމަށް އެތެރޭގެ ދަރަނިތަކަށް، ބޭރުގެ ދަރަނިތަކަށް 2.7 ބިިލިއަން ރުފިޔާ ދެއްކުމުގެ އިތުރަށް މި ދެންނެވި ސޮވެރިން ޑިވެލޮޕްމަންޓު ފަނޑަށްވެސް ޖަމާކޮށްފީމޭ 2 މިލިއަން ޑޮލަރު ހުއްޓާ އެއަށް އިތުރަށް އަޅުގަނޑުމެން ފައިސާ ޖަމާކޮށް މިހާރު އެފަންޑުގަވެސް 54 މިލިއަން ޑޮލަރު އެބަހުރި.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ސަރުކާރުގައި ނިމިދިޔަ 7 މަސްތެރޭގައި 54 މިލިއަން ޑޮލަރު ސޮވެރިން ފަންޑަށް ޖަމާކުރި ގޮތަށް މި އަހަރު ނިމޭއިރު، އެ އަދަދު 100 މިލިއަނަށް އެރުވުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށެވެ. އަދި އެމަނިކުފާނު ރައްޔިތުންނަށް ވައުދުވެވަޑައިގެންނެވި ގޮތަށް މި ފަންޑަށް ފައިސާ ޖަމާކޮށް އިތުރުކުރަމުންދާނެ ކަމަށާއި މި އަހަރު ނިމޭއިރު 100 މިިލިއަން ޑޮލަރަށްވުރެ އިތުރަށް ވެސް އެ ފަންޑަށް ފައިސާ ޖަމާކުރެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ސޮވެރިން ފަންޑަކީ ދައުލަތުގެ ދަރަނި އަދާކުރަން ދުރާލައި ތައްޔާރުވާން އުފައްދާފައިވާ ފަންޑެކެވެ.