‎ ‎އެމްޑީޕީން ކުރިއަށް އޮތް ޖީލާމެދު ވިސްނާފައެއް ނެތް، ބަލާފައިވަނީ އެ މީހުންގެ ޖީބައް

Picture of މުޙައްމަދު ޢަލީ

މުޙައްމަދު ޢަލީ

ނިމުނު އެމްޑީޕީގެ ސަރުކާރުން ރައްޔިތުންނާއިމެދު ވިސްނާފަ ނެތް ކަމަށާއި، އެ ވެރިކަމުގައި ތިއްބެވި ބޭފުޅުން ބަލާފައިވަނީ އެ ބޭފުޅުންގެ އަމިއްލަ މަންފާއަށް ކަންތައްތައް ކުރުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.

މެމްބަރު ޝާހިދު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދައުލަތުގެ ދަރަންޏާބެހޭ ބިލްގެ ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުންނެވެ.

ޝާހިދު ވިދާޅުވީ ކޮންމެ ސަރުކާރެއްގައިވެސް ހުށަހަޅަނީ ދަރަނި ބޮޑު ބަޖެޓަކަށްވާއިރު، ބޮޑެތި މަޝްރޫތަށް ހިންގުމަށް ދައުލަތު ބޮޑެތި ލޯނުތައް ނަގާ ކަމަށެވެ. ނަމަވެސް ދައުުލަތް އޮންނަނީ ދަރަނި ދެއްކޭ ހާލަތުގައި ނޫން ކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ސަރުކާރުގެ މިހާ ކުރީކޮޅުގައި ދައުލަތުގެ ދަރަންޏާއި ގުޅޭ މިފަދަ ބިލެއް ހުށަހެޅުމުން، ދަރަނީގެ މައްސަލައަށް ހައްލެއް ގެނައުމުގައި ސަރުކާރުގެ އޮތް ހެޔޮ ނިޔަތް ސާފުވާކަމަށެވެ.

ޝާހިދު ވިދާޅުވީ އެމްޑީޕީ ސަރުކާރުގެ 5 އަހަރު ނިމިގެންދިޔައިރު، އެ ވެރިކަމުގައި ތިއްބެވި ބޭފުޅުން އަންނަން އޮތް ޖީލާއިމެދު އެއްވެސް މިންވަރަކަށް ވިސްނާފައިނުވާކަން ނަގާފައިވާ ދަރަނިންނާއި، ފައިސާ ޗާޕުކޮށް އިޤްތިސާދު ހަލާކުކޮށްލާފައިއޮތް މިންވަރުން ސާފުވާ ކަމަށެވެ. އަދި އެ ވެރިކަމުގައި ތިއްބެވި ބޭފުޅުން ހަމައެކަނި ވިސްނުމުގައި އޮތީ އެބޭފުޅުންގެ ފައިދާއަށް ކަންކަން ކުރުން ކަމަށް މެމްބަރު ވިދާޅުވި އެވެ.

ޝާހިދު ވަނީ އެމްޑީޕީގެ ވެރިން މަސައްކަތް ކުރައްވާފައިވަނީ ޕާޓީއާ އެ ބޭފުޅުންގެ އަމިއްލަ މުސްހަނދިކަމަށް ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

ސަރުކާރުގެ ފަރާތުން ދައުލަތުގެ ދަރަންޏާއިބެހޭ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ށ. ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހް އެވެ.

މަމްދޫހު ހުށަހެޅުއްވި ބިލުގައި ވަނީ ދައުލަތުގެ ދަރަނިތައް ނެގުމާއި ބެލެހެއްޓުމާއި މެނޭޖު ކުރުމަށް ޑެޓް މެނޭޖްމެންޓް އޮފީހެއް ހުޅުވަން ހިމަނާފަ އެވެ. އެގޮތުން ދައުލަތުގެ ދަރަންޏާ ބެހޭ ބިލު ގާނޫނަކަށްވެ އެ ގާނޫނަށް އަމަލު ކުރަން ފަށާތާ ހަމަސް ދުވަހުގެ ތެރޭގައި ޑެޓް މެނޭޖްމެންޓް އޮފީހެއް، ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގައި ގާއިމު ކުރަން ޖެހޭނެ ކަމަށެވެ.

ޑެޓް މެނޭޖްމެންޓް އޮފިސް ވުޖޫދުވުމާއެކު ފިނޭންސް މިނިސްޓްރީގައި މިހާރު އޮތް ޑެޓް މެނޭޖްމެންޓް ޑިޕާޓްމެންޓުގެ އެންމެހާ ގާޏޫނީ ޒިންމާތަކާއި މުވައްޒަފުންނާއި މުދަލާއި ވަސީލަތްތަކާއި އިލްތިޒާމުތަކާއި އިމްތިޔާޒުތައް އަލަށް އުފެދުނު އިދާރާއަށް ބަދަލުވެގެން ދާނެކަމަށް ބިލުގައި ބުނެފައިވެ އެވެ. އަދި ޑެޓް މެނޭޖްމެންޓް އޮފީހުގެ މަސްއޫލިއްޔަތުތައް އަދާކުރަން ޖެހޭނީ ޕްރޮފެޝަނަލް ކަމާއެކު ސިޔާސީ ނުފޫޒުން ނުވަތަ އެނޫންވެސް ފަރާތެއްގެ ނުފޫޒުން އެއްކިބާވެގެން ކަމަށް ބިލުގައި ބުނެފައިވެ އެވެ.