އެމްޑީޕީން އާ ޖީލެއް އުފެއްދުމަށް ކުރާ މަސައްކަތުގައި ކުރީގެ ޑިފެންސް މިނިސްޓަރ އުމުރުން 60 އަހަރުގެ މާރިޔާ އަހްމަދު ދީދީގެ ތަޖުރިބާ އާއި ލަފާ އެމްޑީޕީގެ ގައުމީ މަޖިލީހަށް ބޭނުންވާނެ ކަމަށް ބުނެ ގައުމީ މަޖިލީހަށް ކުރިމަތިލާން އޭނާ ނިންމައިފިއެވެ.
އެމްޑީޕީގެ މާމަ ގޮތުގައި އެޕާޓީން ބަލާ މާރިޔާ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޤައުމު މިއޮތް ހާލަތުން އަރައިގަނެ އެމްޑީޕީން އައު ޖީލެއް އުފެއްދުމަށް ކުރާ މަސައްކަތުގައި އޭނާގެ ތަޖްރިބާ އާއި ލަފާ ޤައުމީ މަޖްލިސް އަށް ބޭނުންވާނެ ކަމަށްދެކި އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާ ރައީސްގެ ބައި އިލެކްޝަންގައި އެ މަޤާމަށް ކުރިމަތިލާން ޤަސްދު ކުރާކަމަށެވެ.
އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާ އަށް ނިސްބަތްވާ އެންމެހާ މެމްބަރުން މާރިޔާގެ މިމަސައްކަތައް އެއްބާރުލުން ދީ ތާއިދުކޮށް އެމްޑީޕީ އިން މިކުރަންޖެހިފައިވާ މި ބިޔަ ބޮޑު މަސައްކަތުގައި އޭނާއަށް ބައވެރިވެވޭނެ މަގު ފަހި ކޮށްދެއްވުމީ ވަރަށް ބޮޑު އެދުމެއް ކަމަށް ވެސް މާރިޔާ ބުންޏެވެ.
އެމްޑީޕީން އައު ޖީލެއް އުފައްދަން ޖެހޭ ކަމަށް މާރިޔާ އިއުތިރާފުވި ނަމަވެސް އައު ޖީލަކަށް ފުރުސަތު ނުދީ މާރިޔާ އެމްޑީޕީގެ ގައުމީ މަޖިލީހަށް ކުރިމަތިލާއިރު މިދިޔަ އަހަރު އޮތް ރިޔާސީ އިންތިހާބުން ބަލިވުމުގެ ޒިންމާ އެމްޑީޕީގެ ގިނަ މެންބަރުން ވެސް މާރިޔާގެ ބޮލުގައި އަޅުވައެވެ. ހާއްސަކޮށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހިމްގެ ތަރުޖަމާނެއްގެ ގޮތުގައި ހުރެ މާރިޔާ ދެއްކި ވާހަކަތަކާ ވަދަވެރިންނަށް ކުރި ފުރައްސާރައިގެ ނޭދެވޭ އަސަރު އެމްޑީޕީއަށް ކުރިކަމަށް އެމްޑީޕީގެ ސަޕޯޓަރުން ބުނެއެވެ. އިންތިހާބުގެ ދެވަނަ ބުރުގައި މާރިޔާ ރައީސް އިބްރާހިމްގެ ތަރުޖަމާންގެ ގޮތުގައި މީޑިއާއަށް މައުލޫމާތު ދިނުން ވެސް މަނާ ކުރިއެވެ.