ރާއްޖެއަށް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް، ވިއްކާ އަށެއްކަ ނެޓްވޯކް އުޅޭ ކަމަށާއި އެ މީހުންނާ ދެކޮޅަށް ހެކި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އިއްޔެ ވިދާޅުވެއްޖެ އެވެ.
އިހުސާން “މިހާރު” އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަ ހައްލުވާނީ އެކަމުގެ އަޑީގައި ތިބި މީހުން ހުއްޓުވުމުން ކަމަށެވެ. އެހެންވެ، ފާއިތުވި ދުވަސްތަކުގައި ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މަސްތުވާތަކެތީގެ މުލުގައި ތިބި މީހުން ދެނެގަނެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
“މިހާރު އަޅުގަނޑުމެންނަށް އައިޑެންޓިފައި ކުރެވިފައި އެބަހުރި ރާއްޖޭގައި މަސްތުވާތަކެތީގެ މުލުގައި ތިބި މީހުންގެ ތެރެއިން ގިނަ މީހުން. އެއީ އަޅުގަނޑުމެން ހަތް މަސް ދުވަހުގެ ތެރޭގައި ކުރި މަސައްކަތުގެ އެއް ނަތީޖާއަކީ. މިހާރު ކުރަމުން އަންނަނީ އެ މީހުންނާ ދެކޮޅަށް ހެކި ހޯދުމުގެ މަސައްކަތް،” މިނިސްޓަރު ވިދާޅުވި އެވެ.
“އިރާދަކުރެއްވިއްޔާ، މަސްތުވާތަކެތީގެ ސަޕްލައި މައްސަލަ ހައްލުވެގެންދާނީ އެކަމުގެ އަޑީގައި ތިބި މީހުން އެ ކުރާ މަސައްކަތް ހުއްޓުވާފައި.”
އިހުސާން ވިދާޅުވީ ރާއްޖެއަށް ފުޅާދާއިރާއެއްގައި ޑްރަގް އެތެރެކޮށް، އެ ބާވަތްތައް ވިއްކާ އަށް ނެޓްވޯކެއް އެބައުޅޭ ކަމަށެވެ.
އަށެއްކެ ނެޓްވޯކް އަޅުގަނޑުމެން ފޮލޯކުރަން މިހާރު ރާއްޖޭގައި. ގާނޫނަށް ބަދަލު ގެނެސް މިއަށް ދާއިމީ ހައްލެއް ގެންނާނެ ކަމުގެ ޔަގީންކަން މި ސަރުކާރުން އަޅުގަނޑުމެން ދޭނަން،” އިހުސާން ވިދާޅުވި އެވެ.
މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކަށް، މިހާރު ކުރާ މަސައްކަތުން އަހަރެއްހާ ދުވަހުގެ ތެރޭގައި ދާއިމީ ހައްލެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ ސަޕްލައި ދަށްކުރުމަށް ޕޮލިހާއި ކަސްޓަމްސް ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ފުލުހުންނަށް އިތުރު ވަސީލަތްތައް ހޯދައިދީ، ގިނަ ތަންތަނާ ދޭތެރޭ ފިޔަވަޅު އަޅައި، ޑްރަގްސް އަތުލައިގަންނަ ވަރު ވެސް އިތުރުވެގެން ގޮސްފައިވާކަން
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން، ޑްރަގް އޮފެންޑާ ރިމާންޑު ސެންޓަރެއް ހަދަން ޖެހެ އެވެ. ކުރީގެ ސަރުކާރުން ވަނީ ގުޅިފަޅުގައި އެކަމަށް ހާއްސަ މަރުކަޒެއް ހަދައިފަ އެވެ. ނަމަވެސް، ބަންދުގެ މުއްދަތު ޖެހުމުގައި ދިމާވި ފުށުއެރުންތަކާ ހެދި އެކަން ވެސް ހުއްޓުނީ އެވެ.
އިހުސާން ވިދާޅުވީ ޑްރަގް ބޭނުންކުރުން ވެސް ބައްޔަކަށް ވެފައިވާ މީހުން ވެސް އުޅޭ ކަމަށާއި އެ މީހުންނަށް ދޭންޖެހޭ ފަރުވާ، ޑިމާންޑު ރިޑަކްޝަންގެ ތެރެއިން ލިބޭނެ ކަމަށް ވިދާޅުވި އެވެ.
ވައްކަމާއި ފޭރުމުގައި މަގުމަތީގައި އުޅޭ މީހުން ވެސް މިހާރު، ކ. ހިންމަފުށީގައި ހިންގާ ޑްރަގް ރިމާންޑު ސެންޓަރަށް ބަދަލުކުރަން ފަށާފައިވާތީ، މާލޭގެ މަގުމަތިން ވެސް އެކަމަށް ލުޔެެއް ލިބޭނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި ޑްރަގް ބޭނުންކުރާ މީހުންގެ އަދަދު ވެސް 10،000-15،000 އާ ދޭތެރޭގައި އުޅޭނެ ކަމަށެވެ.
އޭނާ ފާހަގަކުރެއްވި އެވެ.