ރާއްޖޭގައި އިތުރު 3 ހޮސްޕިޓަލް އެޅުމަށް ސައުދީ ފަންޑު މިހާރު ހަަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް ވިދާޅުވީ ވެރިކަމާއި ހަވާލުވެވަޑައިގަތްއިރު ރާއްޖޭގެ ސިއްޚީ ނިޒާމް އޮތީ ވަރަށް ހާލުގައި ކަމަށާއި ސިއްހީ ދާއިރާ ކުރިއަރުވައި އެ ދާއިރާގެ ފުދުންތެރިކަން އިތުރުކުރުމަށް މި ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެމުން އަންނަ ކަމަށެވެ. އެގޮތުން ސައުދީ ފަންޑުގެ އެހީގައި 3 ހޮސްޕިޓަލެއް ގާއިމުކުރުމަށް ފަންޑް ކަށަވަރު ކުރެވިފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
“ސައުދީ ފަންޑު މެދުވެރިކޮށް މިހާރު 3 ހޮސްޕިޓަލެއް އެޅުމަށްޓަކައި ފަންޑު އެވަނީ ސެކިއޯކުރެވިފައި. ޗައިނާގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި ޓާޝަރީ ފެންވަރުގެ ބޮޑު ހޮސްޕިޓަލެއް އެޅުމަށްޓަކައި ހުރިހާ ކަމެއް އެވަނީ ހަމަޖެހިފައި. ވިލާމާލޭ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވި އެއްވަނަ ކަންތައް އެއީ ވިލިމާލޭގައި ހޮސްޕިޓަލެއް އެޅުން. އެކަން އިރާދަކުރެއްވިއްޔާ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ހަމަޖެހިގެންދާނެ.” ރައިސް ވިދާޅުވިއެވެ.
ހަމައެއާއެކު ޗައިނާގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި ޓާޝަރީ ފެންވަރުގެ ބޮޑު ހޮސްޕިޓަލެއް އެޅުމަށް ނިންމާފައިވާ ކަމަށާއި މައިންނާ ކުޑަކުދިންގެ ހޮސްޕިޓަލެއް ތަރައްގީކުރުމަށް ވެސް ފަންޑް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އެ ހޮސްޕިޓަލްވެސް މި ދައުރުތެރޭގައި ބިނާކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައިސް ވިދާޅުވީ ސިއްޚީ ދާއިރާ އިތުރަށް ކުރިއެރުވުމަށް މި ސަރުކާރުން އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފުކޮށް އެ ހިދުމަތުގެ ފަސޭހަ ދިވެހި ރައްޔިތުންނަށް މިއަދު ލިބެމުންދާ ކަމަށެވެ. އަދި މި ސަރުކާރުގެ ވަޢުދާ އެއްގޮތަށް ހިލޭ ބޯންމެރޯ ފަރުވާ ދިނުން ކުރިއަށްދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިހާތަނަށް 14 ފަރާތަކުން މި ހިދުމަތް ހޯދަމުންދާ ކަމުގައެވެ. އޭގެ ތެރެއިން 3 ފަރާތަކުން އެ ފަރުވާ ފުރިހަމަ ކޮށްފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ.
އާސަންދަ މެދުވެރިކޮށް އައިވީއެފް ޓްރީޓްމަންޓް ހިދުމަތް ދިނުމަށާއި، ސިއްހީ ދާއިރާގެ ގިނަ ހިދުމަތްތައް ތައާރަފުކުރުމަށް މި ސަރުކާރުން މަސައްކަތްކުރަމުން އަންނަކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. އިތުރަށް ރައީސް ވިދާޅުވީ ހުޅުމާލޭގައި ތެލެސީމިއާ ހިދުމަތް ދޭ ހޮސްޕިޓަލެއް ގާއިމުކުރުމަށް ބިން ކަނޑައަޅާފައިވާ ކަމަށާއި، އެތަން ފުރިހަމަ ކުރެވުމުން ތެލެސީމިއާގެ ހުރިހާ ހިދުމަތެއް ފޯރުކޮށްދެވި ވަށައި ޖެހޭ ގޮތެއްގައި އެ ހިދުމަތް ރައްޔިތުންނަށް ދެވޭނެ ކަމަށެވެ.