ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށް ދިނުމަށާއި އެމަނިކުފާނުގެ ހައްގުގައި ސޯލިހުގެ ފޯނަށް މެސެޖްކޮށް އާދޭސް ދެންނެވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ޕީއެންއެފް އޮފީހުގައި މީގެކުރިން ބޭއްވި ޖަލްސާއެއްގައި ޔާމީން ވިދާޅުވެފައިވަނީ އެމަނިކުފާނު މިނިވަން ކުރުމުގައި ރައީސް މުއިއްޒާއި މި ސަރުކާރުގެ ވެރިން ކުރެއްވި މަސައްކަތެއް ނޯންނާނެ ކަމަށެވެ. އަދި މި ސަރުކާރުގެ ވެރިން މަސައްކަތް ކުރެއްވީ އެމަނިކުފާނު ޖަލުގައި ބާއްވަން ކަމަށް ވެސް ޔާމީން ތުހުމަތު ކުރެއްވިއެވެ.
ސަންގު ޓީވީ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ ސޯލިހްގެ ވެރިކަމުގައި ޔާމީނަށް ދަތިކޮށް، އުނދަގޫކޮށް، އެކި ކަންކަމުގައި ކޯޓަށާއި ފުލުސް އޮފީހަށް ގެންދިޔައިރު، ޔާމީންގެ ދިފާއުގައި ހުންނެވި އެއް ބޭފުޅަކަށް އެމަނިކުފާނު ވެވަޑައިގަންނަވާނެ ކަމަށެވެ. އަދި އޭރުގައި ވެސް ޔާމީން މިނިވަން ކުރުން ފިޔަވައި އިތުރު އެއްވެސް ކަމެއް ހިތްޕުޅުގައި ނޯންނާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ޔާމީން ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމެވި ނަމަ، އެކަމުގައި އިސް ދައުރެއް އަދާކުރައްވާނެ ކަން ޔާމީންގެ އަރިހުގައި އޭރުގައި ދަންނަވާފައި ވާނެއެވެ.
“އަޅުގަނޑު ހިތުގައި އެ ނޫން އެއްވެސް ވިސްނުމެއް ނެތް އެއްވެސް ކަހަލަ ހިޔާލެއް ވެސް ނެތް އެމަނިކުފާނު މިނިވަން ކުރުން ނޫން އެއްވެސް ކަމެއް.” ޔާމީން މިނިވަން ކުރުމަށް ރައީސް މުއިއްޒު އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށް ބައެއް ބޭފުޅުން ވިދާޅުވާތީ އެކަމަށް ރައްދު ދެއްވައި ރައީސް ވިދާޅުވިއެވެ.
“ޓިކެޓު ހަވާލު ކުރުމުގެ ކުރިން ސެނެޓްތެރޭގައި (ޕީޕީއެމް/ޕީއެންސީ) ދެންނެވިން، މިކަމަށް ހެކި ވަޑައިގަންނަވާނެ ހުރިހާ ސެނެޓަރުން ވެސް އިތުރުފުޅު ނުހައްދަވާ ނަމަ، އެންމެ ފަހު ދުވަހު ވެސް އެމަނިކުފާނު (ޔާމީން) މިނިވަންވެއްޖެއްޔާ އަޅުގަނޑުގެ ކެންޑިޑޭޓަކީ ޔާމީންއޭ (ވިދާޅުވިން). އަޅުގަނޑު (ދެންނެވިން) ބޭނުމެއް ނޫނޭ އެމަނިކުފާނުގެ ހައްގެއް، އެމަނިކުފާނޭ ލީޑް ކުރައްވަން ޖެހޭނީ،”
ރައީސް މުއިއްޒު ވިދާޅުވީ ޔާމީން ޖަލަށް ގެންދިއުމާ ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ކުރި ހުރިހާ މަސައްކަތެއްގައި ލީޑަޝިޕާއެކުގައި ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އަދި ޔާމީން މިނިވަން ކުރެވޭނެ ގޮތްތަކެއް ހޯދޭތޯ މަސައްކަތް ކުރެއްވި ކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.
“އަޅުގަނޑުމެން މަސައްކަތް ކުރީ އެމަނިކުފާނު މިނިވަން ކުރެވޭނެ ގޮތްތަކެއް ހޯދޭތޯ. އިބްރާހިމް މުހައްމަދު ސޯލިހްގެ ފޯނުގައި ގައިމުވެސް ޑިލީޓް ނުކުރައްވާ ނަމަ، ހުންނާނެ އަޅުގަނޑު ފޮނުވި ހުރިހާ މެސެޖެއް.” ރަމަޟާން މަހު ޔާމީން ގެއަށް ގެނެސް ދިނުމަށާއި ދަރިފުޅުގެ އޯލެވެލް ކައިރިވާތީ ގެއަށް ގެނެސް ދިނުމަށް ސޯލިހަށް ކުރެއްވި މެސެޖްތަކުގެ ހަނދާންތައް އާ ކުރައްވައި ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ސޯލިހްގެ އިތުރުން “ބާރުހުރި” ވަޒީރުންނަށް މެސެޖްކޮށްގެން ވެސް ޔާމީން ގެއަށް ބަދަލު ކުރެވޭތޯ މަސައްކަތް ކުރެއްވިއެވެ. މުޒާހަރާތައް ކުރިއަށް ދިޔައިރުގައި އެމަނިކުފާނަށް ކުރެއްވެން ހުރި ހުރިހާ ކަމެއް ކުރެއްވި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
“އަޅުގަނޑުގެ އަޑު އަހާނެ ހުރިހާ މީހުން ކައިރީގައި ބުނަމުން ދިޔައިން މަގުމަތީގައި ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ކުރަމުން ދާން. އަދި ޕާޓީގެ އޮފީހުގައި ކުރެވުނު ހުރިހާ އިންތިޒާމެއްގައި އަމަލީ ގޮތުން، ފައިސާގެ ގޮތުން ވެސް ހުރިހާ ކަމެއް ހަމަޖައްސައި ދިނުމުގައި މަސައްކަތް ކުރިން،” ރައީސް ވިދާޅުވިއެވެ.