ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި ދުންފަތް އުފެއްދުން މަނާވެފައިވާތީ ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަށް ބޭނުންކުރާ ތަކެތި އެތެރެކުރާ ނަމަ ހިފަހައްޓަން ހެލްތު މިނިސްޓްރީން ކަސްޓަމްސް އަށް އަންގައިފިއެވެ. މީގެ ތެރޭގައި ތެޔޮބިޑި ބޯން ބޭނުންކުރާ ސާމާނު މަނާ އެއްޗެހީގެ ގޮތުގައި ހިމަނާފައިވާތީ އެމްޑީޕީ ޒުވާނުން ރުޅިގަދަވެގެން ސޯޝަލް މީޑިއާގައި ދަނީ އަވަގުރާނަ ގޮވަމުންނެވެ.
ރާއްޖޭގައި ވޭޕް އެތެރެކުރުމާއި ބޭނުން ކުރުން މަނާކޮށް، ސިނގިރޭޓާއި ބިޑީގެ ޑިއުޓީ %50 ބޮޑުކުރާ ގޮތަށް ގާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ.
ހެލްތު މިނިސްޓްރީން ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް ފާތިމަތު ދިޔާނާ އަށް މިދިޔަ މަހުގެ 24 ގައި ފޮނުވި ސިޓީއެއް އާންމުވެފައިވާ އިރު، ސިނގިރެޓް، ބިޑި އަދި ސުއްޓާ ފަދަ ދުންފަތުގެ ބާވަތްތައް އަމިއްލަ އަށް އުފައްދަން ބޭނުންކުރާ އެއްވެސް އެއްޗެއް ރާއްޖެ އެތެރެ ނުކުރެވޭނެ ކަން ފާހަގަކޮށްފައިވެއެވެ.
ގާނޫނު ނަންބަރު 15/2010 ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އެއްވަނަ އިސްލާހުގައި، އެ ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ރާއްޖޭގައި އެއްވެސް މިންވަރަކަށް ދުންފަތް އަދި ދުންފަތުގެ ބާވަތްތައް އުފެއްދުމަކީ މަނާކަމެކެވެ. އެ ގާނޫނުގެ 42 ވަނަ މާއްދާގެ (ދ) ގައި “ދުންފަތުގެ ބާވަތްތައް” ކަމަށް ބުނެފައި ވަނީ ދުންފަތާއި ދުންފަތުގެ ތަނޑި އާއި ނިކޮޓިން އާއި އެ ތަކެތި ހިމަނައިގެން ތައްޔާރުކޮށްފައި ހުންނަ ތަކެއްޗަށެވެ.
އަދި އެއިން އެއްވެސް ބާވަތެއް، އެއްވެސް މިންވަރަކަށް ހިމެނޭ އެއްޗެއް، ހަފައިގެން، ބޮއެގެން، ވަސްދަމައިގެން، ހަށިގަނޑުގެ ތަނެއްގައި ތަތްކޮށްގެން، ޖައްސައިގެން ނުވަތަ އުނގުޅައިގެން ވިޔަސް، ހަށިގަނޑަށް ވާސިލުވާ ގޮތަށް ތައްޔާރުކޮށްފައިވާ ކޮންމެ އެއްޗަކީ ދުންފަތުގެ ބާވަތެއް ކަމަށް އޭގައިވެއެވެ. މީގައި މާނަކޮށްފައިމިވަނީ ހަޝިޝް އޮއިލް (ތެޔޮބިޑި) ބުއިމަށް ބޭނުންކުރާ ރިޒްލާއާއި ދުންފަތާ އެ ދަމާއަރުވަން ބޭނުންކުރާ ޕައިޕްއެވެ.
އެހެންވެ، ދުންފަތުގެ ބާވަތެއް އުފެއްދުމަކީ މަނާކަމެއް ކަމުގައިވާތީ، ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަށް ބޭނުންކުރާ އެއްޗެއް ނުވަތަ އާލާތެއް އެއްވެސް ފަރާތަކުން އެތެރެކޮށްފި ނަމަ އެތަކެތި ހިފަހައްޓައި ނައްތާލުމަށް ހެލްތު މިނިސްޓްރީން ވަނީ އަންގައިފައެވެ. އަމިއްލައަށް ހަދާ ސިނގިރޭޓުގައި ބޭނުންކުރާ ތަކެތީގެ ތެރޭގައި ސިނގިރޭޓަށް ހާއްސަ ދުންފަތާއި އޮޅާ ކަރުދާހާއި ފިލްޓަރު ހިމެނެއެވެ.
ސިނގިރޭޓާއި ބިޑީގެ ޑިއުޓީ %50 ބޮޑު ކުރުމުން ކުރިން 100ރ. އަށް ލިބޭ ސިނގިރޭޓު ފޮއްޓެއް މިހާރު ލިބެނީ 240ރ. އަށެވެ.