ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން، މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ) އާއި ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ ފަޔާޒް)، ސިޔާސީ ކަންކަމާއި ޑައުންސިންޑްރޯން އަދި އޯޓިޒަމް ކުދިންގެ ޙާލަތާއި ގުޅުވައި އެކުދިންނަށް މަލާމާތްކޮށް ހަޖޫޖަހައިފިއެވެ.
އެ ޓީވީން ގެނެސްދިން ކާލާ ބައިސާ ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނޫސްވެރިޔަކަށް ފޯނުން ގުޅުއްވާފައި އިންޒާރުދިން ވާހަކަ ދައްކަވައި ސަރުކާރަށް ފާޑުވިދާޅުވަމުން ޕާޕާ އެންމެ ފުރަތަމަ ވިދާޅުވީ، ރައީސް މުޢިއްޒު އެފަދައިން ކަން ކުރެއްވީ ގޮތް ހުސްވެގެން ކަމަށެވެ. އަދި ގޮތް ހުސްވުމުން މީހުން އަތުންފައިން ގޯސް ހަދާނެކަމަށް ވިދާޅުވެ، އެކަން ދެން ގުޅުވާލީ އޯޓިޒަމާއެވެ.
“ގޮތް ހުސްވެ، ހަތަރު އުދަރެސް ފެނުޖެހުނީމާ އަތުންފައިން ގޯސް ހަދާނެ. އަސްލު މީނައަކީ (ރައީސް މުޢިއްޒަކީ) އޮޓިސްޓިކް ގޮތެއް ހުންނަ މީހެއްހެން ހީވަނީ އޮޕަރޭޓް ކުރާ ގޮތުން.” ޕާޕާ ފަޔާޒު ވިދާޅުވިއެވެ.
އޭނާ މިހެން ވިދާޅުވުމުން މޮސްޓާ ވަނީ އެއަށް ބާރުދެއްވައި ޖޯކު ޖައްސަަވަމުން ރައީސްގެ “އޮޓިސްޓިކް އެކަންޏެއް ނޫން ޑައުންސިންޑްރޮމްވެސް ހުންނަހެން ހީވާ.” ކަމަށް ވިދާޅުވެފައެވެ.
އެއާއެކީ ޓީވީ ޕްރެޒެންޓަރު އަދި މި ދެބޭފުޅުން ވަނީ އެފަދަ ބަލިތައް ތަހައްމަލު ކުރަމުންދާ ކުދިންގެ ހާލަތަށް މަލާމާތްކޮށް ހީ ހަދާފައެވެ.
އެއަށްފަހު އަނެއްކާވެސް ޕާޕާ ވަނީ، ރައީސް މުޢިއްޒު، ”އެއްކޮށް ހަމަ ނޫން“ ކަމަށާ “ކޮންމެވެސް ވަރަކަށް މައްސަލަ އުޅޭ“ ކަމަށާ، އެމަނިކުފާނަކީވެސް އެފަދަ ”ބަލިކުއްޖެއް“ ކަމަށް ވިދާޅުވެފައެވެ.
“މިދަންނަވަނީ ކޮންމެއަކަސް މީނާއަކީ ބަލި ކުއްޖެކޭ، އެނގެންވާނެ ނޫސްވެރިއަކަށް ގުޅާއިރު މީނާ ދައްކާ ވާހަކަ ރެކޯޑު ވާނެކަން. ނޭނގެނީ އޭނާ ސިކުނޑީ މައްސަލައެއް އުޅެނީއެއްނު.” ޕާޕާ ވިދާޅުވިއެވެ.
މި ވާހަކަތަކާއި ގުޅިގެން ގިނަ ބަޔަކު ދަނީ މީސްމީޑިޔާގައި ކަންބޮޑުވުން ފާޅުކޮށް މިއީ ސިޔާސީ ގޮތުން ހައްދު ފަހަނައަޅައި ދިޔުން ކަމަށް ވިދާޅުވެފައެވެ.
“ވަރަށް ހިތަށް އަސަރު ކޮށްފި! ބައެއް ބޭފުޅުން ޓީވީތަކަށް އަރާތިބެގެން ހީ ސަމާސާކުރަމުން އެވެނި މިވެނި މީހަކީ އޯޓިސްޓް ގޮތެއް ހުންނަ ފަދަ މީހެކޭ ޑައުންސިންޑްރޮމް ހުންނަ މީހެކޭ ކިޔާ އެފަދަ ފަރާތްތަކުގެ ކަރާމާތަށް ހުތުރުވާ ގޮތަށް ވާހަކަ ދައްކާކަމީ ހަޤީޤަތުގައިވެސް ވަރަށް ހިތާމަހުރި ކަމެއް! އެފަދަ ކުދިން ގޮވައިގެން އުޅޭ އަދި އެކުދިންގެ ޙައްޤުޤައި އެތައް ޤުރުބާނީއެއްވަމުންދާ ބަޔަކަށް އިޙްސާސްވާނީ އެކުދިންގެ ކަރާމާތަށާއި އެކުދިންގެ އެ ސިފައަށް ޖޯކުޖަހައި އެއީ އެއްވެސް އަގެއް ނެތް ގަމާރު ކުދިންތަކެއްގެ ގޮތުގައި ސިފަކޮށް މިގޮތަށް ވާހަކަދެއްކީމަ ހިތަށް ކުރާ އަސަރު. މިއިން ބޭފުޅެއްގެ އެފަދަ ކުއްޖަކު ހުރެމެ އެކުއްޖާއަށް ނިސްބަތްކޮށް އެހެން މީހުން ދަށުދަރަޖައިގެ ބަސްތައް ބޭނުން ކުރާ އަޑު އަހަން ކެތްވާނެބާ؟ސިޔާސީ ގޮތުން ކިތަންމެ ޙިޔާލު ތަފާތުވިޔަސް ތިމާމެންނަށް ކިޔޭނުކިޔޭ ނޭނގޭވަރުވީމަ އެއީ ދެން ބޮޑުވަރު” ސޯޝަލް މީޑިއާގައި މީހަކު ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
މިނޫނަސް ގިނަ ބަޔަކު އަންނަނީ އެވާހަކަތައް ކުށްވެރިކޮށް އެފަދަ ކުދިންގެ ޢާއިލާތަކަށް އޭގެ ސަބަބުން ކުރާނެ އަސަރާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.