ދިވެހިރާއްޖޭގައި މިހާރު ކުރިއަށްދާ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގެ ޓީމު އިވެންޓު ބައިން ރާއްޖޭގެ ފިރިހެން ކެރަމް ޓީމުން ރިހި މެޑަލް ހޯދިއިރު, އަންހެން ޓީމުން ލޯ މެޑަލް ހޯދައިފި އެވެ.
ސޯޝަލް ސެންޓަރުގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލުން ރާއްޖޭގެ ފިރިހެން ޓީމު ޖާގަ ހޯދީ, 2-1 ގެ ނަތީޖާ އަކުން ބަންގްލަދޭޝް ބަލިކުރުމަށްފަހުގަ އެވެ. ފައިނަލުގައި ރާއްޖެ ވާދަކުރަން ޖެހުނީ ދުނިޔޭގެ ޗެމްޕިއަން އިންޑިއާ އާއި ދެކޮޅަށެވެ. ފައިނަލުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާ އަކުންނެވެ.
މިއީ މިދިޔަ 21 އަހަރުގެ ތެރޭގައި ރާއްޖޭގެ ޓީމުން ބައިނަލްއަގްވާމީ ފައިނަލެއްގައި ވާދަކުރި ފުރަތަމަ ފަހަރެވެ.
މީގެ އިތުރުން ރާއްޖޭގެ އަންހެން ޓީމުން ވަނީ އިއްޔެ ކުރިއަށްދިޔަ ޓީމު އިވެންޓުގެ ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ. ސެމީގައި އަންހެން ޓީމުން ދަތުރުކުރީ 3-0 ގެ ނަތީޖާ އަކުން ދެކުނު ކޮރެއާ ބަލިކޮށްފަ އެވެ. އެކަމަކު އިންޑިއާ އަތުން އަންހެން ޓީމު ވެސް ވަނީ 3-0 ގެ ނަތީޖާ އަކުން ބަލިވެފަ އެވެ.
އޭޝިއާގެ ކެރަމްގެ އެންމެ ބޮޑު މުބާރާތް މިއަހަރު ކުރިއަށް މިދަނީ 10 އަހަރުގެ މެދު ކެނޑުމަކަށްފަހުގަ އެވެ. މި މުބާރާތުގައި އޭޝިއާގެ ހަތް ގައުމުން ވާދަކުރެ އެވެ.
ޓީމް އިވެންޓުން ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުން މެޑަލް ހޯދިއިރު, މީގެ ކުރިން ޑަބަލްސް ބައިގެ ފައިނަލުގައި ވާދަކޮށް ރާއްޖޭގެ އިސްމާއިލް އަޒްމީން އާއި ހަސަން ނާޒިމް (ނާނަ) ގެ ޕެއާ އިން ވަނީ ރިހި މެޑަލް ހޯދާފަ އެވެ.