ނިމިދިޔަ ރަމަޟާން މަހުގެ ކަރަންޓް ބިލުން ޑިސްކައުންޓް ދޭން ސަރުކާރުން ނިންމައިފިއެވެ.

Picture of މުޙައްމަދު ޢަލީ

މުޙައްމަދު ޢަލީ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ، ހުސެއިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ނިމިދިޔަ ރަމަޟާން މަހު ބޭނުން ކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓް ދިނުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ.

އެހެން ކަމުން މިހާރު ފޮނުވާފައިވާ ބިލްތައް މި ބަދަލާ އެއްގޮތަށް އަދާހަމަކުރުމަށްފަހު، ވީއެންމެ އަވަހަކަށް ކަސްޓަމަރުންނަށް ފޮނުވިގެންދާނެ ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.

ފަހުމީ ވަނީ ސަރުކާރުގެ ހަރުދަނާ، އޯގާތެރި ސިޔާސަތުތަކާއި އެއްގޮތަށް ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުން މަތީ ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

 

ނިމިދިޔަ ރަމަޟާން މަހު ބޭނުން ކުރި ކަރަންޓް ނުވަތަ އެމަހުގެ ބިލުން ޑިސްކައުންޓް ދިނުމަށް ނިންމާފައިވާއިރު، ނިމިދިޔަ އޭޕްރިލް މަހުގެ 28 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުން ވަނީ ރޯދަ މަހަށް ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުން ދިން ޑިސްކައުންޓުގެ ދަށުން ހުރިހާ ކަރަންޓު އަދި ފެން ބިލްތަކުން ޑިސްކައުންޓުގެ ގޮތުގައި ޖުމްލަ 20 މިލިޔަން ރުފިޔާ ކަނޑާފައިވާނެކަން ހާމަކޮށްފައެވެ.

މާރޗް، އޭޕްރީލް އަދި މެއި މަހަކީ އާންމުކޮށް ރާއްޖޭގައި ކަރަންޓު ބިލް ބޮޑުވާ ތިން މަހަށްވާއިރު ރޯދަމަހު އެކަނި ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފަހުމީ ވިދާޅުވީ، ސްޓެލްކޯއިން ބެލި ބެލުމުން އެހެން މަސްތަކުގައި ކަރަންޓުގެ ޕީކު ހުންނަ މިންވަރު ރޯދަމަހު އިތުރުވާ ކަމަށެވެ. ރޯދަމަހުގެ ބިލުން ޑިސްކައުންޓު ދޭން ނިންމި ނިންމުމަކީ ރަނަގަޅަށް ބެލުމަށްފަހު ނިންމި ނިންމުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.