ފަލަސްތީނުގައި އިޒްރޭލުން ހިންގަމުން ގެންދާ ނަސްލު ނައްތާލުމުގެ އަނިޔާވެރި ހަރަކާތްތަކާއި ގުޅިގެން، އިޒްރޭލުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް މުޅި ދުނިޔޭގައި ގޮވާލަމުން ދަނިކޮށް، އެތަކެތި ބޮއިކޮޓް ކޮށްގެން ކައިބޮއެ އުޅެނީ ކިހިނެއްތޯ ސުވާލު އުފައްދައި އެމްޑީޕީގެ ޗެއާޕާޝަން ފައްޔާޒު އިސްމާއިލް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އިޒްރޭލުގެ އުފެއްދުންތައް ފެންނަ ޕޯސްޓަރަކަށް އެކްސްގައި ފައްޔާޒު ކުރި ކޮމެންޓްގައި ބުނެފައިވަނީ އިޒްރޭލުގެ އުފެއްދުންތައް ބޮއިކޮޓް ކޮށްފައި ދެން ކަނީ މަގޫފަތްތޯ ސިވާލު އުފައްދާފައެވެ. އަދި އޭނާ ބުނީ ހުރީ މުޅިންވެސް އިޒްރޭލުގެ އުފެއްދުން ކަމަށާއި، ދެނަ ހަދާނީ ކިހިނެތްތޯ ވެސް އޭނާ ވަނީ ސުވާލު އުފައްދާފައެވެ.
ފައްޔާޒުގެ މި ކޮމެންޓަށް ޑރ.މުއިއްޒު ސަރުކާރުގެ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ޝިއުނާ ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ. ޝިއުނާ ބުނީ އިޒްރޭލުން އުފައްދާ ބްރޭންޑްތައް ބޭނުން ނުކުރި ނަމަވެސް އިރާދަ ކުރެއްވިއްޔާ މަގޫފަތް ކާން ނުޖެހޭނެ ކަމަށެވެ. އަދި ބަނޑަކަށް ވެސް ނުޖެހޭނެ ކަމަށެވެ.
ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރޭލުން ކުރިއަށް ގެންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން މުސްލިމުންގެ އިތުރުން ގައިރު މުސްލިމުން ވެސް އަންނަނީ އިޒްރޭލުގެ އުފެއްދުންތައް ބޮއިކޮޓް ކުރަން ގޮވާލައި އަޑު އުފުލަމުންނެވެ.