- ދިވެހިރާއްޖެއަށް ޑިމޮކްރަސީ ތައާރަފްވެ ކޮންމެ ކަމަކީވެސް ހައްގެއްކަމަށް މީހުންނަށް ވިސްނައި ދިނުމުގައި އެންމެ އިސް ރޯލެއް އަދާކުރާ ބަޔަކީ އެމްޑީޕީއެވެ. އެއީ އިސްލާމް ދީނުގައި ކިތަންމެ ބޮޑު ފާފައެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމެއް ނަމަވެސްމެއެވެ.
މިކަން ފާއިތުވި ފަސްއަހަރު އެމްޑީޕީ ސަރުކާރުގައި ވަރަށް ފުޅާދާއިރާއެއްގައި ފެނިގެންދިޔައެވެ. އިސްލާމް ދީނުގައި ބޮޑެތި ބޮޑެތި ފާފަތަށްކަމުގައި ކަނޑައަޅާފައިވާ ކުއްތަކަށް އެއީ ހައްގުކަމުގައްޔާއި ނޯމަލް ކަމެއްކަމުގައި މުޖުތަމައަށް ވިސްނައި ދިނުމަށް ސީދާގޮތުން ވަނީ މަސައްކަތް ކޮށްފައެވެ.
އިސްލާމް ދީނަށާއި ރަސޫލާ(ސޢވ) ފުރައްސާރަކޮށް އިސްލާމް ދީނުގެ އެތައް އަސާސްތަކަކާއި ދެކޮޅަށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ރިޕޯޓެއް ނެރުނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައެވެ. ރައްޔިތުން ރުޅިގަދަވެ އެ ރިޕޯޓް ނެރުނު ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ދިނުމަށް ގޮވާލައި މުޒާހަރާތަކާއި ބަޔާންތައް ނެރުމުން ވެސް އެ އަމަލު ހިންގި މީހުން ރާއްޖެއިން ބޭރަށް ފޮނުވާލާ މައްސަލަ އޮއްބާލިއެވެ.
މީގެއިތުރުން އެ ޖަމިއްޔާ އުވާލުމަށް ގޮވާލައި ސަތޭކައަށްވުރެ ގިނަ ކައުންސިލުން ބަޔާންނެރެ، ރައްޔިތުން މުޒާހަރާ ކޮށް ސަރުކާރަށް އެތައް ޕްރެޝާއެއް ކުރުމުން ވެސް ޖަމިއްޔާ އުވާލަން 45 ދުވަސްނެގީ އެމްޑީޕީ ސަރުކާރުގެ ބޮޑުންނާއި އެ އަމަލު ހިންގި ފަރާތްތަކާއި އޮތް ވަކިނުވާނޭ ގުޅުމާއި ހެދިކަން ދިވެހި ރައްޔިތުން ދަނެއެވެ.
މީގެއިތުރުން އިސްލާމް ދީނަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި އެތައް ޕޯސްޓެއް ޖަހައި އަޑު އުފުލި މީހުންނަށް އެމްޑީޕީ ސަރުކާރުގައި ދިނީ މަތީ މަގާމުތަކެވެ. ފިޔަވަޅެއް ނޭޅުނުތާ އެކަން ކުރި މީހުން ކުރީ ހިމާޔަތެވެ. އެއީ ރައްޔިތުން ހިތުން ފިލައިގެންދާނޭ ކަންކަމެއް ނޫނެވެ.
ނިމިދިޔަ ފަސްއަހަރަކީ އެއްޖިއްސުން ގުޅުން ހިންގުން އައު އުސްމިންތަކަކަށް ގެންދިޔަ ފަސް އަހަރެވެ. ސަރުކާރުގެ މަތީފަޑީގެ އެތައްބަޔަކު ޖެހުނު އާލަމްގިރި ނެޓްވޯކް ބާރަށް ކުރިއަށް ގެންދިޔައެވެ. ރައީސް ނަޝީދުގެ ކޮށްކޯފުޅު ގާނޫނީ ވަކީލު ނާޒިމް ސައްތާރު ބަނގްލަދޭޝްގެ އާލަމްގިރިއާއިއެކު އެއް ޖިއްސުން ގުޅުންހިންގާ ވީޑިއޯ އާންމުވެ އެ ކުށަށް އޭނާ އިއުތިރާފްވުމުން ކަންވެގެންދިޔަ ގޮތުން އެމްޑީޕީ ސަރުކާރު އެކަމުގައި ބަނދެވިފައިވާ މިންވަރު ފެނުނެވެ.
އެއްޖިއްސުން ގުޅުން ހިންގުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ނަހީ ކުރައްވާފައިވާ ހަޑިމުޑުދާރުކަން ބޮޑު ފާފައެކެވެ. އަދި އެއީ ދިވެހިރާއްޖޭގެ ގާނޫނުގައި ވެސް ބޮޑު ކުށެކެވެ. ނަމަވެސް ނާޒިމް ސައްތާރުގެ މައްޗަށް އެއްޖިއްސުން ގުޅުން ހިންގުން ކުށް ސާބިތުވުމުން ކޯޓުން ކުރި ހުކުމަކީ 3 މަހާއި 26 ދުވަހަށް ގޭ ބަންދުކުރުމެވެ. ރިހާކުރު ފުޅިއެއް ވަގަށް ނެގި މީހާގެ ހުކުމަށްވުރެ ވެސް އެތައް ގުނައެއް ލުއި ހުކުމެކެވެ. މިކަންކަމުން އެއްޖިއްސުން ގުޅުން ހިންގުންފަދަ ކަންކަމަކީ ނޯމަލް ކަމެއްކަމަށް ހަދަން އެމްޑީޕީން ފައިވިއްދާފައިވާވަރު ހާމަވެއެވެ.
ޑރ.މުއިއްޒު ސަރުކާރުން ވެރިކަމާއި ހަވާލުވިތާ އެންމެ ފަސް މަސް ދުވަހުގެ ތެރޭ އޮރިޔާން ވެބްސައިޓްތައް ބަންދުކޮށްފިއެވެ. ޒިނޭއަށް ގޮވާލައި ހަށި ވިއްކުމުގެ ވިޔަފާރި ކުރަމުންއައި އެތައް ޓެލެގްރާމް ޗެނަލްތަކެއް ހުއްޓުވައިފިއެވެ. ފިރިހެނުން އަންހެން ހެދުންލައިގެން އުޅޭއުޅުން ހުއްޓުމުގެ ގޮތުން، އެފަދަ އަމަލު ހިންގި، ހިންގާ ފަރާތްތައް ހިފާ ހައްޔަރު މިހާރު ވެސް އެދަނީ ކުރަމުންނެވެ.
އިސްލާމް ދީނާއި ފުށުއަރާ ކަންކަން ކައިރިން ބަލައި ފިޔަވަޅު އެޅުމުގައި މި ސަރުކާރުން އަންނަނީ ނަމޫނާ ދައްކަމުންނެވެ. ކުރިއަށް އޮތްތަނުގައި ވެސް ސަރުކާރުން ރައްޔިތުންގެ ލޯބި ހޯދާނީ މުޖުތަމައުގައި ހުރި ނޭއްގާނީ އަމަލުތަކަށް ނޯ ބުނެގެންނެވެ.