ޣައްޒާގެ ރަފަހް ސަރަހައްދުން އިސްރާއީލަށް ފޮނުވާލި ހަމަލާއެއްގައި އިސްރާއީލުގެ ސިފައިންގެ ތިން މީހަކު މަރުވެ، 11 މީހަކު ޒަހަމްވެފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
ޓައިމްސް އޮފް އިސްރާއީލުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރަފަހްއިން ފޮނުވާލި އެ ރޮކެޓު ހަމަލާ އަމާޒުކޮށްފައި ވަނީ އިސްރާއީލު ސިފައިން ޣައްޒާއަށް ވެއްދުމުގެ ކުރިން ތައްޔާރީތައް ކުރިއަށްގެންދާ ކަރެމް ޝެލޯމްއާ އަވަށާއި ކައިރި ބޯޑަރު ސަރަހައްދަށެވެ.
އެ ހަމަލާގައި ސިފައިންގެ ތިން މީހަކު މަރުވެ، 11 މީހުން ޒަހަމްވެފައިވާއިރު، މަރުވި މީހުންގެ ވަނަވަރު ނިރުބަވެރި އައިޑީއެފްއިން ވަނީ އާންމުކޮށްފައެވެ. ހަމަލާގައި މަރުވީ 19 އަހަރުގެ ދެ މީހުންނާއި 21 އަހަރުގެ މީހެކެވެ. އެ ތިން މީހުންނަކީ ވެސް ސްޓާފް ސާޖަންޓް ރޭންކުގެ ތިން މީހުންނެވެ.
ޒަހަމްވި 11 މީހުންނަކީ ވެސް ސިފައިން ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ތެރެއިން، ޝަކެޑް ބެޓާލިއަންގެ ސިފައިންގެ މީހަކަށް ލިބުނު ޒަހަމްތަކާ ގުޅިގެން މިހާރު އޮތީ ސީރިއަސް ހާލަތުގައި ކަމަށްވެއެވެ.
އިސްރާއީލުގެ ރިޕޯޓުތައް ބުނާ ގޮތުން އެ ރޮކެޓުތައް ފޮނުވާލީ ރަފަހް ސަރަހައްދުންނެވެ. އެގޮތުން 10 ވަރަކަށް ރޮކެޓު އެ ހަމަލާގައި ފޮނުވާލި ކަމަށްވެއެވެ.
އެ ބޯޑަރު ސަރަހައްދަކީ މިހާރު އިސްރާއީލުގެ ސިފައިން ރަފަހްއަށް އެރުމަށް ތައްޔާރުވަމުން އަންނަ ސަރަހައްދެވެ. ހަމަލާ އަމާޒުވި ސިފައިން ތިބީ ރަފަހްއަށް އެރުމަށް ބޭނުން ކުރަން ގެނެސްފައި ކުރީ އަސްކަރީ އާލާތްތައް ބެލެހެއްޓުމަށެވެ.
އިސްރާއީލަށް ޣައްޒާއިން ފޮނުވާ ރޮކެޓުތައް އާންމުކޮށް އަޔަން ޑޯމް ވައިގެ ދިފާއީ ނިޒާމު ބޭނުންކޮށްގެން އިސްރާއީލުން މަތަ ކުރެއެވެ. މި ހަމަލާގައި އަޔަން ޑޯމް މަސައްކަތް ނުކުރީ ކީއްވެކަން ތަހުގީގު ކުރަމުންދާ ކަމަށް އިސްރާއީލުގެ އައިޑީއެފްއިން ވަނީ ބުނެފައެވެ.