ހުޅަނގު މޫސުމުގެ ބާރު ގަދަވެ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މެދުރާއްޖޭގެ އަތޮޅުތަކަށް އޮރެންޖު އެލާޓު ނެރެފި އެވެ.
މެޓް އޮފީހުން އޮރެންޖު އެލާޓު ނެރެފައިވަނީ މިއަދު ހަވީރު 5:30 އިން މިރޭ 8:30 އާ ހަމައަށެވެ. މި ވަގުތުތަކުގައި ބ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ގަޑިއަކު 36 މޭލާއި 42 މޭލަށް ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައި ޖެހޭނެ ކަމަށް މެޓް އޮފީހުގެ އެލާޓު މެސެޖުގައި ބުނެފައިވެ އެވެ.
އަދި، އެލާޓުގެ ވަގުތުގައި މި ސަރަހައްދުގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެ އެވެ. އޭގެ އިތުރުން ހއ. އިން ރ. އަތޮޅާ ހަމައަށް ވަނީ ރީނދޫ ސަމާލު ނެރެފަ އެވެ.
ކުރިއަށް އޮތް ތިން ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެ އެވެ. މި ވިއްސާރައާ ގުޅިގެން ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުތަކަށް މިއަދު އެއްކޮށް ވަނީ ޔެލޯ އެލާޓު ނެރެފަ އެވެ.