ނަމުގައި ނޫސްވެރިކަން، ކަމުގައި ވިޔަފާރި

Picture of މުޙައްމަދު ޢަލީ

މުޙައްމަދު ޢަލީ

ނަމުގައި ނޫސްވެރިކަން، ކަމުގައި ވިޔަފާރި. ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާދާއިރާގައި ލިބިދީފައި އޮތްއިރު އޭގެ ނާޖައިޒް ފައިދާ ނަގާ މީހުން ވަރަށް ގިނައެވެ. އޭގެތެރޭގައި ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފުންނާބު އުސް ފަރާތްތައް ނިސްބަތްވާ ނޫސްތަކުގައި މަސައްކަތްކުރާ އިސް މީހުން ވެސް ހިމެނެއެވެ.

މި ކުޅިއަކީ އާންމުކޮށް އެ އިރެއްގައި އޮންނަ ސަރުކާރަކާއި އިދިކޮޅު ފަރާތްތަކުން ހިންގާ ފާޑެއްގެ ވިޔަފާރީގެ މުއާމަލާތެއް ކަމުގައި ބުނެވިދާނެއެވެ. ބޭރު ގައުމުތަކުންނާއި އެތެރެއިން ތަފާތު ފަންޑުތައް ނަގައިގެން ސަރުކާރު އިނދަޖައްސާލައި އަގުވައްޓާލަން މިފަދަ މީހުން މަސައްކަތްކުރާއިރު، ގައުމާއިމެދު ނުވިސްނާ ވިސްނަނީ އަމިއްލަ މީހާގެ އަންބޮނޑި ބޮޑުކުރާށެވެ.

ގައުމިއްޔަތު ނެތިކޮށްލުމަށް ތަކުރާރުކޮށް ފިލާތިބެ މިފަދަ ފަރާތްތަކުން ކުރާ ނޭއްގާނީ މަސައްކަތްތަކުގެ ސަބަބުން މިއަދު ގައުމިއްޔަތަށް މިވަނީ ވަރަށް ބޮޑަށް ލޮޅުން އަރާފައެވެ. 

މިފަދަ ފަރާތްތަކުން އަމިއްލަ މަގުސަދު ނުވަތަ އަމިއްލަ މީހާ ޖީބު ބޮޑުކުރުމަށް އަބުރުކަތިލަން ޖެހުނު ހަމަ ކޮންމެ މީހެއްގެ އަބުރު ކަތިލާނެއެވެ. މިއީ އެހާވެސް ގައުމަށް ހުރި ނުރައްކަލެކެވެ.

ނޫސްތަކަށް އިންޒާރުދެނީ ނޫސްތަކުގެ ވެރިން އުފައްދައިގެން އުޅޭ ފޭކް އެކައުންޓްތަކުން

ދިވެހި ނޫސްތަކަށް ނުވަތަ ޓީވީ ސްޓޭޝަންތަކަށް އިންޒާރުގެ މެސެޖްތައް ދެނީ، ސަރުކާރާއި އިދިކޮޅު ނޫސްތަކުގެ ވެރިން އުފައްދާ ފޭކް އެކައުންޓް ތަކުންނެވެ.

ފޭކް އެކައުންޓް ހަދައިގެން ސަރުކާރަށް ޕްރެޝާކުރުމަށް ތަފާތު ވާހަކަތައް އުފެއްދުމަކީ ޑިމޮކްރަސީގައި، ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ބޭނުން ކުރަމުން އަންނަ އުކުޅެކެވެ.

އެއީ މުޖުތަމައުގައި ބައިބައިވުން އުފައްދުމަށާއި ސަރުކާރުގެ އަގުވައްޓާލައި މުޖުތަމައު ފަސާދަ ކުރުމަށް ތަންތަނުން ފަންޑު ނަގައިގެން ނޫސްވެރިންގެ ނަމުގައި ހިންގަމުން އަންނަ މުޑުދާރު އަމަލެކެވެ.

މިކަން ކުރީގައި ވެސް މިހާރު ވެސް މި ރާއްޖޭގައި އަންނަނީ ހިނގަމުންނެވެ. ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ބޮޑެތި ނޫސްތަކުން މި ޗައްކަރު ޖަހައި ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް އަންނަނީ ކުރަމުންނެވެ. ދިވެހިން މިކަމަށް ހޭއަރައި ތިބެން ޖެހެއެވެ.