ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާދާއިރާގައި ލިބިދީފައި އޮތްއިރު އޭގެ ނާޖައިޒް ފައިދާ ނަގާ މީހުން ވަރަށް ގިނައެވެ. އޭގެތެރޭގައި ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފުންނާބު އުސް ފަރާތްތައް ނިސްބަތްވާ ނޫސްތަކުގައި މަސައްކަތްކުރާ އިސް މީހުން ވެސް ހިމެނެއެވެ.
މި ކުޅިއަކީ އާންމުކޮށް އެ އިރެއްގައި އޮންނަ ސަރުކާރަކާއި އިދިކޮޅު ފަރާތްތަކުން ހިންގާ ފާޑެއްގެ ވިޔަފާރީގެ މުއާމަލާތެއް ކަމުގައި ބުނެވިދާނެއެވެ. ބޭރު ގައުމުތަކުންނާއި އެތެރެއިން ތަފާތު ފަންޑުތައް ނަގައިގެން ސަރުކާރު އިނދަޖައްސާލައި އަގުވައްޓާލަން މިފަދަ މީހުން މަސައްކަތްކުރާއިރު، ގައުމާއިމެދު ނުވިސްނާ ވިސްނަނީ އަމިއްލަ މީހާގެ އަންބޮނޑި ބޮޑުކުރާށެވެ.
ސަރުކާރުގެ އަގުވައްޓާލުމަށް އަދަދު ނޫހާއި، ޗެނަލް ތޭރައިގެ އިތުރުން ރާއްޖެ ޓީވީން އިސްވެއޮވެ ފޭކް އެކައުންޓްތައް ކްރިއޭޓްކޮށް، އެމްޑީޕީއާއި އިންޑިއާ ރުއްސުމަށް ތަފާތު ގޭސްގަނޑުތައް މިހާރު ވެސް އަންނަނީ މުޖުތަމައުގައި އަނބުރަމުންނެވެ. ދިވެހިންނަށް މިއަދު ވާނުވާ އޮޅިގެން ނޫޅެއެވެ. ގެއްލުނު އެތީގެ ބޮޑުކަމުން އިދިކޮޅުން ތެޅެނީއެވެ.
ގައުމިއްޔަތު ނެތިކޮށްލުމަށް ތަކުރާރުކޮށް ފިލާތިބެ މިފަދަ ފަރާތްތަކުން ކުރާ ނޭއްގާނީ މަސައްކަތްތަކުގެ ސަބަބުން މިއަދު ގައުމިއްޔަތަށް މިވަނީ ވަރަށް ބޮޑަށް ލޮޅުން އަރާފައެވެ.
މިފަދަ ފަރާތްތަކުން އަމިއްލަ މަގުސަދު ނުވަތަ އަމިއްލަ މީހާ ޖީބު ބޮޑުކުރުމަށް އަބުރުކަތިލަން ޖެހުނު ހަމަ ކޮންމެ މީހެއްގެ އަބުރު ކަތިލާނެއެވެ. މިއީ އެހާވެސް ގައުމަށް ހުރި ނުރައްކަލެކެވެ.
ތަފާތު ނަންނަމުގައި ލިބިގެންދިޔަ މިނިވަންކަމާއިއެކު އެ މިނިވަންކަމުގެ ނާޖައިޒް ފައިދާ ނަގައިގެން، ގައުމުގެ ހަމަޖެހުން ނަގާލަން ތަފާތު ގޮތްގޮތަށް ކުރެވެމުން އަންނަ މަސައްކަތްތައް ދުވަހަކަށްވުރެ ދުވަހެއް ލޯމައްޗަށް ފާޅުވެ މިހިރަ އަންނަނީ ފެންނަމުންނެވެ.
ގައުމަށް ޑިމޮކްރަސީ ތައާރަފްވުމަށް ފަހު މިކުޅިގަނޑު ވަނީ އިތުރަށް ބޮޑުވެގެން ގޮސްފައެވެ. އެތެރޭންނާއި ބޭރުން މާލީ މަންފާ ނަގައިގެން މަދު ފައިސާކޮޅަށް ގައުމުގެ ހަމަޖެހުން ނަގާލައި ރައްޔިތުން އިންތިހާބު ކޮށްފައިވާ ސަރުކާރުގެ އަގުވައްޓާލުމުގެ ފިނޑި އަމަލު ފާޅުވެ މިއަދު ވެސް މިހުރީ ފެންނާށެވެ. މިއީ ލޯމަރާލައިގެން ތިބެން ހެޔޮވާވަރު ކަމަކަށް ނުވެއެވެ. މިކަންކަން ހިނގަމުންދާގޮތާއި ހިންގާ މީހުންގެ އުކުޅުތައް އެންމެ އާދައިގެ މީހާ ވެސް މިއަދު ދެނެގަނެ އެއަށް ރިއެކްޓްކުރަން ޖެހެއެވެ.
މި ޖަރީމާ ހިންގާ މީހުން މިކަމުން ހާސިލްކުރަން ބޭނުންވާ ބައިވަރު މަގުސަދުތައް ހުރެއެވެ. އޭގެތެރޭގައި އެ އިރެއްގައި އޮންނަ ސަރުކާރަކަށް ހަމަޖެހިލައިގެން ރައްޔިތުންނާއި ގާތުން ތަފާތު ކުރުމެއް ނެތި ހިދުމަތް ދިނުމަށް އޮތް ފުރުސަތަށް ހުރަސް އެޅުން ހިމެނެއެވެ.
ސަރުކާރުން ކުރިއަށް ގެންދާ ރައްޔިތުންނަށް އޭގެ މަންފާ އިންތިހާއަށް ބޮޑެތި މަޝްރޫއުތަކާއި ކަންކަމުގައި ކިރިއާވެސް ގޯހެއް އޮތްތޯ ބަލައި، އެފަދަ ކަމެއް ފާހަގަ ވެއްޖެނަމަ އެކަމުން ލިބޭ ފައިދާއަށްވުރެ އެއީ ގެއްލުން ބޮޑުކަމެއްގެ ގޮތުގައި ދައްކަން މަސައްކަތް ކުރެއެވެ.
މީގެތެރޭގައި އެ ޒިންމާތަށް އުފުލުމަށް، ޒިންމާތަކާއި ހަވާލުވެތިބޭ ފަރާތްތަކަށް ޒިންމާ އަދާނުކުރެވޭ ކަމަށް ދެއްކުމަށް ހަބަރު ފެތުރުމާއި، އެވަރުން ނުވެގެން ޒާތީ ކަންކަމާއި ބެހި އަގުވައްޓާލަން މަސައްކަތް ކުރެއެވެ.
ސަރުކާރު ބަލިކަށި ކޮށްލުމަށް ތަފާތު ދޮގު ވާހަކަތައް ތަފާތު ރީތި ނަންނަމުގައި ފަށުވި އިބާރާތްތަކުން ލިޔެފައިވާ ޝިއާރުތައް އުފައްދައި އެ ފެތުރުމުގެ އިތުރުން އެފަދަ މަންޒަރުތައް ސިފަވާ ކާޓޫންތައް ހަދައި ފެތުރުން ހިމެނެއެވެ.
މިފަދަ ކަންކަން ފެތުރުމަށް ފޭކް އެކައުންޓްތައް ހަދައި ޕޯސްޓް ޖެހުމާއި ކޮމެންޓް ކުރުމާއި ބްލޮގްތައް ހެދުމާއި ފޭކް ވެބްސައިޓްތައް ހަދައި ދޮގާއި މަކަރު ފަތުރައި ސަރުކާރުގެ އިތުބާރު ގެއްލުވާލުން ހިމެނެއެވެ. މީގެއިތުރުން ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ވެބްސަޓްތަކުން ވެސް ނޫންކަމަށް ހެދި ތިބެ މިކަންކަން އަންނަނީ ފަތުރަމުންނެވެ.
މިފަދަ ކަމެއް ކޮށްގެން އެފަދަ ފަރާތްތަކަށް ފިޔަވަޅެއް އަޅައިފިނަމަ އެއީ ނުހައްގުން އެޅި ފިޔަވަޅެއްކަން ދައްކަން މަސައްކަތް ކުރެއެވެ. އެކަމާއި ދެކޮޅަށް އަޑު އުފުލައެވެ. މިއީ މަދު ފައިސާކޮޅަކަށް މީޑިއާގައި ހަބަރު ފަތުރަން ތިބޭ މީހުންގެ ކަންކަން ހުންނަގޮތެވެ. ރައްޔިތުން މިއަދު ހޭލާތިބެ ކަންކަން ހިނގަމުން އަންނަ ގޮތާއިމެދު ސަމާލުވާން ޖެހެއެވެ.