ބައި އިލެކްޝަންގެ ނަތީޖާ އިން ފެނުނީ ރައީސްގެ ތާއީދު އިތުރުވާތަން

Picture of މުޙައްމަދު ޢަލީ

މުޙައްމަދު ޢަލީ

މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކުގެ ބައި އިލެކްޝަންގެ ނަތީޖާ އިން ފެނުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތާއީދު އިތުރުވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ހަ ދާއިރާގެ ބައި އިލެކްޝަންގެ ތެރެއިން، ޕީއެންސީން ވަނީ ފަސް ދާއިރާއެއްގެ ގޮނޑި ކާމިޔާބު ކޮށްފަ އެވެ. އިދިކޮޅު އެމްޑީޕީ އަށް އެންމެ ގޮނޑިއެއް ވެސް ނުލިބެ އެވެ. ޕީއެންސީ އަށް ގެއްލުނު ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެމްބަރުގެ ގޮނޑި ކާމިޔާބުކުރީ އަމިއްލަ މެމްބަރެކެވެ.

އެހެންކަމުން، ސިޔާސީ ޕާޓީތަކުގެ ވާދަވެރިކަމަށް ބަލާއިރު، ބޮޑު ކާމިޔާބީއެއް ހޯދީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އެވެ.

އެ ޕާޓީގެ މެންބަރުންނަށް މަރުހަބާ ވިދާޅުވެ، އަބްދުއްރަހީމް އެކްސްގައި ވިދާޅުވީ ރައީސް މުއިއްޒުގެ ތާއީދު “ފަތުއަޑު ކިޔާފައި” ރައްޔިތުންގެ ތެރޭގައި އިތުރުވަމުން އަންނަ ކަމުގެ ސާފު ހެކި ވޯޓުން ދައްކައިދީފި ކަމަށެވެ.

އަބްދުއްރަހީމް އެހެން ވިދާޅުވިޔަސް، މިއަދުގެ އިންތިހާބުގައި 13،112 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ އިރު ވޯޓުލާން ނުކުތީ 3،528 މީހުންނެވެ. އެއީ 27 ޕަސެންޓު މީހުންނެވެ.

އިދިކޮޅު އެމްޑީޕީން ބައި އިލެކްޝަންގައި ވާދަކުރިޔަސް ވާދަވެރި ކެމްޕެއިނެއް އެ ޕާޓީގެ ފަރާތުން ނުފެނެ އެވެ.

ބައި-އިލެކްޝަން ބޭއްވި ދާއިރާތައް:

– ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަން (ޕީއެންސީ)

– ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރުގެ ގޮނޑީގެ ބައި އިލެކްޝަން (އަމިއްލަ މެމްބަރެއް)

– ފ. ބިލެތްދޫ ކައުންސިލުގެ ރައީސް އިންތިހާބުކުރުމުގެ ބައި އިލެކްޝަން (ޕީއެންސީ)

– މާލެ ސިޓީ ކައުންސިލުގެ ހުޅުމާލެ ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަން (ޕީއެންސީ)

– މާލެ ސިޓީ ކައުންސިލުގެ މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަން (ޕީއެންސީ)

– މާލެ ސިޓީ ކައުންސިލުގެ ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަން (ޕީއެންސީ)