ޔާމީނުގެ ހުސްގޮނޑިއާއި ފޮޓޯގަނޑު ނުލާ އަނެއްކާވެސް ރައީސް މުޢިއްޒު ބޮޑު ކާމިޔާބީއެއް ހޯދައިފި!

Picture of މުޙައްމަދު ޢަލީ

މުޙައްމަދު ޢަލީ

ކުރީގެ ރައީސް ޔާމީނުގެ ފޮޓޯއާއި ހުސް ގޮނޑި ނުލާ މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަންގައި ވާދަކޮށް ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއިން ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މިއީ ރައީސް މުއިއްޒު ޔާމީނާ ނުލާ ސިޔާސީ މައިދާނުގައި ވިދިވިދިގެން ކާމިޔާބު ހޯއްދެވި 4 ވަނަ އިންތިޚާބެވެ.

މޭޔަރު އިންތިޚާބު، ރިޔާސީ އިންތިޚާބު، މަޖްލިސް އިންތިޚާބު އަދި ކައުންސިލްތަކުގެ ބައި އިލެކްޝަން ރައީސް މުއިއްޒު މިވަނީ ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފައެވެ.

މިއަދުގެ އިންތިޚާބުން މާލޭ ސިޓީ ކައުންސިލްގެ 3 ގޮނޑިއާއި ކުޅުދުއްފުށިސިޓީ އުތުރު ދާއިރާ، އަދި ބިލެއްދޫ ދާއިރާގެ ކައުންސިލް ގޮނޑިއާއިއެކު ޖުމްލަ 5 ގޮނޑި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ވަނީ ކާމިޔާބުކޮށްފިއެވެ.

މި ބައި-އިލެކްޝަންގައި ވާދަކުރި 6 ގޮނޑީގެ ތެރެއިން މާލޭސިޓީގެ 3 ގޮނޑިއަށް ކުރިމަތިލާފައިވާ ޕީއެންސީގެ ކެންޑިޑޭޓުން ވަނީ އެންމެ ގިނަ ވޯޓު ހޯދައި، އެ ގޮނޑިތައް ކާމިޔާބު ކޮށްފައެވެ. މިއީ ވެރިކަންކުރާ ޕާޓީއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

މި ނަތީޖާއާއެކު، މާލޭ ސިޓީ ކައުންސިލްގައި ޕީއެންސީގެ ސުޕަރމެޖޯރިޓީ އޮންނާނެއެވެ.

މި ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް ގޮސްފައިވަނީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ މި އިންތިޚާބު ވަރަށް އަމާންކަމާއި ހަމަޖެހުމާއެކު ކުރިއަށް ގޮސްފައިވާ ކަމަށް ބަޔާންކޮށްފައެވެ.