ލަންޑަނުގައި އެއްޖިންސުން ގުޅުން ހިންގާމީހުންގެ ހައްގުތައް ހޯދުމަށް ބޭއްވި އެއްވުމެއްގައި ދިވެއްސަކު ދިވެހި ދިދަ ހިފައިގެން ބައިވެރިވެއްޖެއެވެ.
“ކުރެދިކުރި” ގެ ނަމުގައި ހަދާފައިވާ އެކައުންޓަކުން އޭނާ ދިވެހި ދިދަ ހިފައިގެން ހުރި ފޮޓޯ ހިއްސާ ކުރަމުން ވަނީ، އެމީހުންގެ މިނިވަންކަން އެމީހުންނަށް ދިނުމަށް ގޮވާލާފައެވެ.
އެއްޖިއްސުން ގުޅުން ހިންގާ މީހުންގެ ހައްގުތަށް ހޯދުމަށް ލަންޑަންގެ އެއްވުމަށް ގޮސްފައިވަނީ ގދ ފިޔޮރީގައި ކުރިން ރިލީފު ޓީޗަރަކަށް މަސައްކަތް ކޮށްފައިވާ ހުސައިން ޝައިހާނެވެ.
އޭނާއަކީ މީގެ ކުރިންވެސް ލަންޑަނުގައި ބޭއްވި އެއްވުމެއްގައި ދިވެހި ދިދަ ހިފައިގެން ހުރެ އިސްލާމް ދީނަށް ފުރައްސާރަކޮށްފައިވާ މީހެކެވެ.
އޭނާ ވަނީ 2022 ވަނަ އަހަރު ތެރޭ “ކުރެނދި ކުރި” ނަމުގައި ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަކޮށް ހަޑިހުތުރު ބަހުރުވަ ހިމެނޭ ގޮތަށް ކާޓޫނު ތައްޔާރުކޮށް ހިއްސާކުރި މައްސަލަ ފެންމަތިވެފައި ވަނިކޮށް ރާއްޖެއިން ފިލައިގެން ގޮސްފައެވެ.
އޭނާ ފިލާފައިވަނީ ކުރެނދި ކުރި އެކައުންޓަކީ އޭނާގެ އެކައުންޓެއް ކަމާއި، އިސްލާމްދީނަށް ފުރައްސާކުރީ އޭނާ ކަމުގެ ކަށަވަރު ހެކި ފުލުހުންނަށް ލިބިފައި ވަނިކޮށެވެ.
އެކަމާ ގުޅިގެން ކުރިން އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، އޭނާ ފުރައިގެން ދިޔައީ އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމުގެ މަސައްކަތް ދިވެހި ފުލުހުން ކުރަމުން ދަނިކޮށް ކަމަށެވެ.
ރާއްޖޭގައި ދީން ގަބޫލުނުކޮށް ދީނަށް ފުރައްސާރަ ކުރާ މިނޫންވެސް އެތައް ބައެއްގެ މައްސަލަތަކެއް ވެސް ވަނީ މީގެކުރިން ހޫނުވެފައެވެ. އެމީހުންގެ ތެރެއިންވެސް ގިނަ ބަޔަކު ވަނީ މައްސަލަ ހޫނު ވުމުން ރާއްޖެއިން ފިލާފައެވެ.
މިގޮތުން ސޯސަލް މީޑިއާގައި އެންމެ ގަދައަށް ދީނަށް ފުރައްސާރަކުރަމުން އައި މީހުން މިހާރުވެސް ރާއްޖެއިން ބޭރުގައި ތިބެވެސް ސޯސަލް މީޑިއާގައި އެ ކަންތައް ދަނީ ކުރިއަށް ގެންދަމުންނެވެ. އެހެން ނަމަވެސް އެމީހުންނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
އުލްފާ ފަހުމީ ކިޔާ އަންހެނަކުވެސް ވަނީ ހަމަ މިފަދަ މައްސަލައަކާ ހުރެ ރާއްޖެއިން ފިލައިގެން ގޮސްފައެވެ.
އޭނާ އަކީ ވެސް ދީނަށް އެކި ގޮތްގޮތަށް ލައިވް ތަކުގައިވެސް ފުރައްސާރަ ކޮށްފައިވާ އަންހެނެކެވެ.