އޭލެވެލް ގަދަ 10ގެ އެއްވަނަ ލިބިގެން މިއަހަރު ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ލިބުނު 19 ދަރިވަރުންގެ ތެރެއިން އެއް ދަރިވަރަކީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން ދަސްވެނިވި ޔުމްނު ޔަމަން ޢަލީއެވެ. ކިޔެވުމާ އެއްވަރަށް އިތުރު ހަރަކާތްތަކުން ވެސް ނަންވިދާލި ޔުމްނު ފާހަގަކުރެވިފައި ވަނީ ހިންގުންތެރި ހިއްމަތްތެރި އިޚްލާސްތެރި ދަރިވަރެއްގެ ގޮތުގައެވެ.
ކުޑައިރުއްސުރެ ކުރަހަމުންދިޔަ ޚިޔާލީ ތަޞައްވުރުގައި ކުލަޖެއްސެން އޮތް އެންމެ ފަހި މަގަކީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްކަން އެނގި މައިންބަފައިން ގާތު ރޮއެ އާދޭސްކޮށްގެން ގްރޭޑް 9އަށް އަޙްމަދިއްޔާއާ ގުޅުނު ޔުމްނު މި ވަނީ ނުހަނު ފުރިހަމައަށް އޭނާގެ ކަޅާހުދުގެ އެ ތަސްވީރު ކުލަކޮށްފައެވެ. އޯލެވެލްގައި ހޯދި 4ވަނަ، އޭލެވެލްގައި އެއްވަނައަށް ބަދަލުކުރީ މުޅި ދުނިޔެއިން ވަނަވަނައަށް ދިޔަ ކުދިންގެ ލިސްޓުގައި ނަންފަވާލައިގެންނެވެ. ޔުމްނު ވަނީ އިކޮނޮމިކްސްއިން މުޅި ދުނިޔެއިން 4ވަނަ އަދި ބިޒްނަސްއިން މުޅި ދުނިޔެއިން 5ވަނަ ހޯދައި އަޙުމަދިއްޔާއާއި އާއިލާ ފަޚުރުވެރިކޮށްދީފައެވެ.
އަޅުގަނޑު އަޙްމަދިއްޔާއަށް ވަނީ އަޅުގަނޑުގެ އަމިއްލަ އެދުމުގެ މަތިން މަންމަމެން ގާތު ވަރަށް ރޮއެ އާދޭސްކޮށްގެން. އަޙްމަދިއްޔާއަކީ ރާއްޖޭގަ ހުރި އެންމެ މޮޅު ސްކޫލް ވީމަ، އަޅުގަނޑު ވެސް އެ ސްކޫލްގަ އޯލެވެލް ހަދަން ބޭނުންވެގެން”. ގްރޭޑް 9އަށް އަޙްމަދިއްޔާއަށް ވަން ޔުމްނު ބުންޏެވެ. “ކޮވިޑް ދުވަސްވަރާ ބަލާފަ އޯލެވެލްގަ ލިބުނީ އަޚުގަނޑު އުއްމީދުކުރި ވަރަށްވުރެ މާ ރަނގަޅު ނަތީޖާއެއް. އެހެންވެ އޭލެވެލް ވެސް އަޙްމަދިއްޔާގަ ހަދަން ނިންމީ. އެނގޭ އޭލެވެލްގަ ވެސް މުދައްރިސުން އެހާ މަސައްކަތްކޮށްދެއްވާނެކަން.”ޔުނީފޯރމް ހަރަކާތްތަކާއި އިތުރު ހަރަކާތްތަކުގައި ފުރިހަމައަށް ބައިވެރިވެ ސްކޫލްގެ އެކި މަގާމްތައް ފުރަމުން ކޮންމެ ޓާރމެއްގައި ވެސް ކޮމެންޑެޑް ހޯދަމުން އައި ޔުމްނު ބުނީ އަޙްމަދިއްޔާގެ މުދައްރިސުންގެ ފަރާތުން ލިބުނު ހިތްވަރާއި އެހީތެރިކަމަކީ ދުވަހަކު ވެސް ހަނދާން ނައްތާލާނެ ކަންތައްތަކެއް ނޫން ކަމަށާއި، ކިޔަވައިދެއްވި ކޮންމެ މުދައްރިސަކީ ވެސް ޔުމްނުގެ މި ކާމިޔާބީގެ ވަރަށް ބޮޑު ހިއްސާދާރެއް ކަމަށެވެ.
ޚާއްޞަކޮށް ގްރޭޑް 12ގައި ކިޔަވައިދެއްވި އެކައުންޓް ޓީޗަރ އެޑްވިން ސަރއާއި، ދިވެހި މުދައްރިސް ރާމިޒް ސަރ، ބިޒްނަސް ޓީޗަރ ދިލިޕް ސަރ، އިސްލާމް މުދައްރިސް ޝައިޚް ޒުބައިރު ސަރ އަދި އިކޮނޮމިކްސް ޓީޗަރ ނައިވީން މިސްގެ ނަން ޔުމްނު ފާހަގަކުރީ ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރަންޖެހޭ މުދައްރިސުންގެ ގޮތުގައެވެ.
ކޮންމެ މުދައްރިސެއް ވެސް އަޅުގަނޑު ކުރާ ކޮންމެ ސުވާލަކަށް ޖަވާބުދީ، ފިލާވަޅު އެއްކޮށް ފަހުމުވަންދެން ބުނެދީ، ވަގުތުން ފިލާވަޅުތައް މާކުކޮށް ފީޑްބެކްދީ، އެންމެ މަތީ މާކުސް ހޯދައި ދުނިޔެއިން ވަނަ ހޯދާނެ ގޮތްތަކާއި އުކުޅުތައް ބުނެދިން. ކުރިއަށްދާން އެތައްއެތައް ހިތްވަރެއް ދިން. އޭލެވެލްގެ އެއްވަނަ ލިބި ދުނިޔޭގެ ފެންވަރުގެ ވަނަތަކެއް ލިބުނީ މި މުދައްރިސުންގެ ފަރާތުންނާއި ދަމުނަމާދުން ލިބުނު ހިތްވަރުން. އަލްޙަމްދުލި ﷲ. މި މުދައްރިސުންނަކީ ހަމަ ވަރަށް ވަރަށް ޚާއްޞަ ޝުކުރެއް ރައްދުކުރަންޖެހޭ ބައެއް.” ޔުމްނު ބުންޏެވެ.
ޔުމްނު ބުނީ ކިޔެވުމާ އެއްވަރަށް އިތުރު ހަރަކާތްތަކަށް ވެސް އިސްކަންދިން ކަމަށާއި، އިތުރު ހަރަކާތުގައި ބައިވެރިވުމުގެ ސަބަބުން ވަގުތު ބަހާލައިގެން ޒިންމާދާރުކަމާ އެކު މަސައްކަތްކުރަން ދަސްވެ، އޭގެ ފައިދާ ކިޔެވުމަށް ކުރި ކަމަށެވެ. އޯލެވެލް ދުވަސްވަރު ބިޒްނަސް ކްލަބުގެ ރައީސްކަމާއި އޭލެވެލްގައި ހުވަނދުމާ ހައުސްގެ ކެޕްޓަންކަމުގެ ފަޚުރުވެރި މަގާމް އަދާކުރި ޔުމްނުއަކީ ސްކޫލް ނިންމިއިރު، ރާއްޖޭގައި ހުރި މޯލްޑިވްސް ނެޝަނަލް ކެޑޭޓްކޯރޕްސްގެ އެންމެ އިސް ރޭންކްކަމަށްވާ ސީނިއަރ އަންޑަރ އޮފިސަރ ކަމުގައި ހުރި ދަރިވަރެވެ.
މީގެއިތުރުން ޔުމްނު ވަނީ އަޙްމަދިއްޔާގައި އޭލެވެލްގައި ހިންގާ ގާތްގަނޑަކަށް ހުރިހާ އިތުރު ހަރަކާތެއްގައި ބައިވެރިވެފައެވެ. އެގޮތުން ދިވެހި އަދަބީ އީދު ހިޔާ އީދާއި، އިނގިރޭސި އަދަބީ ދުވަސް “އޭލާޑޭ” އާއި، ސްޓޫޑެންޓް ނައިޓާއި، ޓްރަވެލް އެންޑް ޓުއަރިޒަމް (ޓީޓީ) ފެސްޓާއި، ފީފާ މުބާރާތާއި ހޭންޑް ބޯޅަ މުބާރާއި ކެރަމް މުބާރާތުގައި ވެސް ޔުމްނު ވަނީ ބައިވެރިވެފައެވެ. މީގެތެރެއިން، ފީފާ 2023 ވަނަ އަހަރުގެ އަންހެން ޑިވިޜަންގެ ރަނަރަޕަކީ ވެސް ޔުމްނުއެވެ.
ޔުމްނު ބުނީ ބައެއް ކުދިން “ޑައުޓްސް ދަބަހަށް ލައިގެން” ގެއަށް ދިޔަ ކަމުގައިވީ ނަމަވެސް އޭނާ އެންމެ އިސްކަންދެނީ ކުލާހުގައި މުދައްރިސުންނާ ސުވާލުކޮށް އެ ފިލާވަޅެއް އެއްކޮށް އޮޅުންފިލުވައިގެން ގެއަށްދިއުމަށް ކަމަށެވެ. އަދި ތަކުރާރުކޮށް ކިތަންމެ ގިނަ ފަހަރަކު ސުވާލުކުރަން ޖެހުނަސް މުދައްރިސުން ތިބެނީ ޖަވާބުދޭން ތައްޔާރަށް ކަމަށް ޔުމްނު ބުންޏެވެ.
މީގެއިތުރުން، ގަޑިންގަޑިއަށް ހޯމްވޯކް ހެދުމާއި، ތަކުރާރުކޮށް ޕާސްޓްޕޭޕަރު ހަދައި، އަމިއްލައަށް މާކުކުރުމުގެ އިތުރުން ޔޫޓިއުބް ވީޑިއޯތަކުގެ އެހީ ހޯދުމާއި އޭރު އޭނާއަށް ވުރެ މޮޅުކަމަށް ފާހަގަކުރެވުނު ކުދިންގެ ޖަވާބުތައް ކިޔައި، އޭނާގެ ޖަވާބުތަކާ އަޅައިކިޔުމަކީ ވެސް އެއްވަނަ ހޯދަން އޭނާ ގެންގުޅުނު އުކުޅުތައް ކަމަށް ޔުމްނު ބުންޏެވެ.
އޭލެވެލް އިމްތިޙާނުން ރަންވަނައެއް ޙާޞިލްކުރުމަށް މަސައްކަތްކުރާ ދަރިވަރުންނަށް ޔުމްނު ދޭ ނަސޭހަތަކީ އަޙްމަދިއްޔާގެ މުދައްރިސުންގެ އިރުޝާދާ އެއްގޮތަށް އަމަލުކޮށް، ބަރާބަރަށް ކްލާހަށް ހާޒިރުވެ، ކްލާސްތަކުގައި ފުރިހަމައަށް ބައިވެރިވާ ކަމުގައިވާނަމަ އެފަދަ ދަރިވަރުންގެ ރާސްތާ ވަރަށް އަލިވާނޭ ކަމަށާއި، ދެން އޮންނާނީ މުދައްރިސުން ހުޅުދާންކުރި ރާސްތާއިން ފަސްބެލުމެއް ނެތި، ކަތި ފިޔަވަޅެއް އެޅުމެއް ނެތި ކުރިޔަށް ދިއުންކަމަށޭވެ. އެއީ އެ ދަރިވަރެއްގެ އަމިއްލަ ޒިންމާ ފުރިހަމައަށް އަދާކުރުން ކަމަށް ޔުމްނު ބުންޏެވެ. މީގެއިތުރުން ޔުމްނު ބުނީ އޭނާގެ ދިވެހި މުދައްރިސް ރާމިޒް ސަރ ކްލާސް ދިވެހި ވައިބަރ ގްރޫޕަށް ވަރަށް ގިނައިން ނޫސްތަކުގަ ހުންނަ ކާމިޔާބު ދަރިވަރުންނާ ގުޅޭ ލިޔުންތައް ލައި ކަމަށާ، އެ ލިޔުންތަކުން ވެސް ވަރަށް ބޮޑަށް ހިތްވަރު ލިބުނު ކަމަށެވެ. އެހެންކަމުން އެހެން ކުދިން ވެސް އެ ފަދަ ލިޔުންތައް ކިޔުމަށް ޔުމްނު ނަސޭހަތްތެރިވިއެވެ.
ޔުމްނުގެ މި ފަޚުރުވެރި ކާމިޔާބީއާ ގުޅިގެން އެންމެ ބޮޑަށް އުފާވެ، ފަޚުރުވެރި ވެސް ވެލައްވާނެ އެއް ބޭފުޅަކީ ޔުމްނުގެ މި އުނދަގޫ ދަތުރުގައި ރެޔާ ދުވާލު ޔުމްނުގެ ސަވާރީއަކަށްވެލައްވައި، “ޔުމްނު ކޮނޑަށް ލައިގެން” އުޅުއްވި އޭނާގެ ބައްޕަ ޔަމަން ޢަލީކަން ޔަގީނެވެ. ޔުމްނުއާ ބެހޭގޮތުން ސުވާލުކުރުމުން ޔަމަން ވިދާޅުވީ ޔުމްނުއަކީ ފަސްމީރުކުރިރުކެއް ކަމަށާއި ގޭގައި ކިޔަވަން ގިނަ ވަގުތުތަކެއް ހޭދަކުރި، ދީނީކަންކަމަށް ލޯބިކުރާ، ގޭތެރޭގެ މަސައްކަތުގައި ވަރަށް ބޮޑަށް އެހީތެރިވި އަދި އެކުވެރިންނަށް ވެސް ވަގުތު ދިން ކުއްޖެއް ކަމަށެވެ.
އޭލެވެލްއަށް ކިޔަވަމުންދިޔަ ދުވަސްވަރު ޔުމްނުގެ އެންމެ ބޮޑު އުއްމީދަކީ ރައީސްގެ ސްކޮލަރޝިޕް ހޯދުންކަމަށް ވާތީ ޔުމްނު ދިޔައީ އެކަމަށް އޭނަގެ ހުރިހާ ހަކަތައެއް ބޭނުންކުރަމުން. އަލްޙަމްދުލިﷲ. އެ އުއްމީދު މިއޮތީ ޙާޞިލްވެފަ. އަޅުގަނޑު ދަންނަވާނީ ޔުމްނު ބަސްއަހާތީއޭ މިކަން ހާސިލްވީ. އެއީ ވަރަށް ބަސްއަހާ ދަރިއެއް. ވަރަށް ކިޔަމަންތެރި ކުއްޖެއް. އަދި ސަރއަށް އެނގޭތަ؟ ޔުމްނު ވަރަށް މީރުކޮށް ކޭކު ވެސް އަޅާނެ.” ސަކަ މިޒާޖެއްގެ ޔަމަން ވިދާޅުވިއެވެ.
ޔުމްނުގެ ފަޚުރުވެރި ކާމިޔާބީގައި މުދައްރިސުންގެ އިތުރުން ދެން ޔުމްނު ވެސް އެންމެ ބޮޑަށް ފާހަގަކުރީ އޭނާގެ މައިންބަފައިންނެވެ.
” އަޅުގަނޑުގެ ހަޔާތުގަ އަޅުގަނޑު އެދުނު ކޮންމެ ކަމެއް ވީ އެންމެ ފުރިހަމައަކަށް ކޮށްދެއްވި ކަމަށް ޓަކައި، އަދި ޚާއްޞަކޮށް އަޅުގަނޑަށް ޓަކައި އުފުއްލެވި ގިނަގުނަ ބުރައާއި ވިޔަނުކުރެވޭ ތަކުލީފުތަކަށް ޓަކައި ލޯބިވާ މަންމައާއި ބައްޕައަށް ހާސްފަށުން ޝުކުރުދަންނަވަން. ކޮންމެ ދުވަހަކު އެތައް ފަހަރަކު އަޅުގަނޑު ގޮވައިގެން ހުޅުމާލެއިން މާލެއަށް ސްކޫލަށާއި އެކްސްޓްރާ ކްލާސްތަކަށާއި ޓިއުޝަންތަކަށާއި އިތުރު ހަރަކާތްތަކަށް ގެނެސްގެންގޮސްދިނުން ވެސް އެއީ ބައްޕަމެން އުފުލި ކިހާ ބޮޑު ބުރައެއްތޯ؟
އެކަމަކު މަންމަވެސް ބައްޕަ ވެސް އެކަންކަން ކޮށްދެއްވީ ވަރަށް ކުރާ ހިތުން. ވަރަށް ފޮނި އުއްމީދެއްގަ. އެ އުންމީދުތައް ހާސިލުކޮށްދެވުނީތީ މިއަދު މިހިރީ ވަރަށް އުފަލުން. މި ޥުކުރުގަ މާމައާއި ކާފަ ވެސް ފާހަގަކޮށްލަން. އެއީ ވެސް މި ކާމިޔާބީގެ ވަރަށް މުހިއްމު ހިއްސާދާރުން. ދެން ކްލާސް ކުދިން. ވަރަށް މިސްވޭ ހުރިހާ ކުދިން ވެސް. ދިން އެހީތެރިކަމާ ބެހެއްޓި ގާތްކަމަށް ކްލާސް ހުރިހާ ކުދިންނަށް ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ.” ޔުމްނުގެ ޝުކުރުގެ ލިސްޓު އަމުނާލިއެވެ.
ޔުމްނުއާ ބެހޭ ގޮތުން ގްރޭޑް 12ގެ އަންހެން ދަރިވަރުންގެ ލީޑިންގ ޓީޗަރ އިންޗާރޖް ހަސްމާ އަޙުމަދު ނަސީރު ވިދާޅުވީ ޔުމްނުއަކީ ހުރިހާ ކުދިންނާ ވެސް ވަރަށް ގުޅިގެން އެކުދިންނަށް ވަރަށް އެހީތެރިކަން ފޯރުކޮށްދީ އުޅުނު ކުއްޖެއް ކަމަށެވެ.
“ޔުމްނުއަކީ ހަމަ ވަރަށް ބަސްއަހާ ވަރަށް ކިޔަމަންތެރި، ސްކޫލުން އެދުނު ކޮންމެ ވަގުތެއް ހުސްކޮށް، ސްކޫލްގެ ކަންކަމުގަ އެންމެ އިސްކޮށް ހަރަކާތްތެރިވި ހީވާގި ދަރިވަރެއް. މިސް އަބަދުވެސް އެދެނީ ޔުމްނު ތި ގޮތުގަ ކުރިޔަށްދިއުމަށް. ޔުމްނުއަށް އަބަދުވެސް ކާމިޔާބީއަށް އެދެން.” ހަސްމާ މިސް ވިދާޅުވިއެވެ.
ޔުމްނު ކުރިޔަށްދާން ބޭނުންވަނީ ސިޔާސީ ދާއިރާއިން ކުރިއަށްދިއުމަށެވެ. ބޭރު ގައުމުތަކުގައި މި ކުޑަކުޑަ ގައުމުގެ އަޑު ބޮޑުކޮށް އިއްވުމުގެ ޝައުގުއުފެދި އިންޝިކާފުވީ އަޙްމަދިއްޔާގެ ފަރާތުން ލިބުނު ފުރުސަތެއްގައި، މިދިޔަ ސެޕްޓެންބަރު މަހު ފޮރިންގ މިނިސްޓްރީން ބޭއްވި ފޮރިންގ ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) ޕްރޮގްރާމުގައި ބައިވެރިވެވުމުން ކަމަށް ޔުމްނު ބުނެއެވެ. އެކަމަށް ޓަކައި ޕްރިންސިޕަލް މުހައްމަދު ރަޝީދަށާއި އޭލެވެލް އިންޗަރޖް ޑެޕިއުޓީ ޕްރިންސިޕަލް މޫސާ ސަލާޙަށް ޔުމްނު ޝުކުރު އަދާކުރިއެވެ.
ރައީސުލް ޖުމްހޫރިއްޔާގެ ސްކޮލަރޝިޕްގައި އިނގިރޭސި ވިލާތުގެ ލަންޑަނުގެ ޔުނިވަރސިޓީ ކޮލެޖު ލަންޑަންގައި ބެޗްލަރ އޮފް ސައިންސް ޕޮލިޓިކްސް އެންޑް އިންޓަރނޭޝނަލް ރިލޭޝަންސް ކިޔަވަންދާން ފޮށިތަންމަތި ބަންނަމުންދާ ޔުމްނުއަށް ސަރމެން އެދެނީ އަދަށްވުރެ މާ ފަހި، މާ ފާގަތި މުސްތަޤްބަލެކެވެ. ޔުމްނު ސިޔާސީ ދާއިރާގައި ވިދުންގަދަ ތަރިއަކަށް ވުމަކީ މުޅި އަޙްމަދިއްޔާ އާއިލާގެ އުންމީދެވެ.