މީސް މީޑިއާގެ މަޝްހޫރު ޕްލެޓްފޯމެއް ކަމުގައިވާ “އެކްސް” ގައި ރޭ ދައުރު ކުރަމުން ދިޔަ ވީޑިއޯއަކުން ފެންނަނީ ބަދުއަހުލާގީ މަންޒަރުތަކެވެ. އެ ވީޑިއޯ އިން ފެންނަ ފިރިހެން ބޭފުޅަކީ ޝަހީމް ކަމަށް ބައެއް މީހުން ތުހުމަތުކޮށްފައިވެއެވެ. އަދި އެ ވީޑިއޯއަކީ ޝަހީމް ކުރިން ގެންގުޅުއްވި ފޯނަކުން ހޯދި ވީޑިއޯއެއް ކަމަށް ތުހުމަތު ކުރިއެވެ.
އެ ތުހުމަތާ ގުޅިގެން ޝެއިހް އަލީ ޒައިދު ވިދާޅުވީ މި ޒަމާނުގައި ފޭކް ވީޑިއޯއެއް ހަދާލުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށާއި ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކުން ޒާތީވެ، ހަސަދަވެރިވެ ނުކުރާ ކަންކަން ބޮލުގައި އަޅުވައި އަބުރު ކަތިލަން ފޭކު ވީޑިއޯތައް ހަދައިގެން އުޅޭ ކަމަށެވެ.
“ސިޔާސީ ރުޅީގައި އަނެކާ އާއި ޒާތީވެ، ހަސަދަވެރިވެ، ނުކުރާ ކަންތައް ބޮލުގައި އަޅުވާ އަބުރު ކަތިލަން ފޭކު ވީޑިއޯ/ފޮޓޯ އުފައްދާނީ ވަރަށް ނުބައި ވީމަ.” ޒައިދު ވިދާޅުވިއެވެ.
އަދި މިއީ ވަރަށް ނުބައި ކަމެއް ކަމަށާއި އާންމު ރައްޔިތުން މިފަދަ ކަންތައްތަކަށް ސަމާލުވެ ތިބުމަށް ޒައިދު ވަނީ އިލްތިމާސް ކުރައްވައިފައެވެ.
‘އެކްސް’ގައި ކުރެއްވި ޕޯސްޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ޝަހީމަށް ފުރައްސާރަކޮށް، ހަގީގަތާ ހިލާފު އިލްޒާމުތައް އަޅުވައިގެން އޭނާ ފަހަތަށް ނުޖެއްސޭނެ ކަމަށާއި އެއަށްވުރެ ޝަހީމްގެ އަޒުމް ވަރުގަދަވާނެ ކަމަށެވެ.
“ޑރ.މުހައްމަދު ޝަހީމް އަލީ ސައީދަކީ ފުރައްސާރަކޮށް ހަގީގަތާ ހިލާފު އިލްޒާމުތައް އަޅުވައިގެން ފަހަތަށް ޖެއްސޭނެ ބޭފުޅެއް ނޫން. އެ އަށްވުރެ ޑރ. ޝަހީމުގެ އަޒުމު ވަރުގަދަވާނެ. އެއީ މިހާތަނަށް ރާއްޖެ ދުށް އެންމެ ގާބިލް އެންމެ ހިންގުންތެރި އިސްލާމިކް މިނިސްޓަރު.” އަބްދުއްރަހީމް ވިދާޅުވިއެވެ.
ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި މަޝްހޫރު އެކްޓިވިސްޓު މަލްޝާ ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ ފޭކު ވީޑިއޯތައް ހެދުމަކީ މީހުންގެ ދިރިއުޅުން ހަލާލުކޮށްލާ ކަމެއް ކަމަށެވެ. އަދި އެ ވީޑިއޯގެ އަސްލު ވީޑިއޯ ވެސް އެބައޮތް ކަމަށް މަލްޝާ ވަނީ ވިދާޅުވެފައެވެ. އަމިއްލަ ނަފުސުގެ ދިފާއު ކުރުމަކީ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި މިމައްސަލަ ސީރިޔަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް މަލްޝާ ވަނީ ގޮވާލައްވައިފައެވެ.
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ ޝަހީމްގެ ދިިފާއުގައި ނުކުންނަވައިފައެވެ.
ޝާހިދު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންމެ މީހަކީވެސް އާއިލާއެއް އޮންނާނެ އިންސާނީ ކަރާމާތެއް އޮންނާނެ މީހެއް ކަމަށާއި ސިޔާސީ ބޭނުމަށް އަނެކާގެ އަނބުރާއި އިއްޒަތް ވެއްޔާ މޮޑުމަކީ ތަހުޒީބީ އިންސާނަކު ކުރާނޭ ކަމެއް ނޫން ކަމަށެވެ.
“ކޮންމެ މީހަކީވެސް އިންސާނީ ކަރާމާތެއް އޮންނާނެ މީހެއް. ކޮންމެ މީހެއްގެވެސް ޢާއިލާއެއް އޮންނާނެ، މައިންބަފައިން، ފިރިން އަނބިން ދަރިން ތިބޭނެ. ސިޔާސީ އޮއިވަރުގައި ނުވަތަ ޖަޒުބާތާއި ނަފްރަތުގައި ޖެހި އަނެކާގެ އަބުރާއި އިއްޒަތް ވެއްޔާއި މޮޑެލުމަށް ހަގީގަތާ ހިލާފު ވާހަކަތައް އުފައްދައި، ފެތުރުމަކީ ތަހުޒީބީ އިންސާނަކު ކުރާނެ ކަމެއް ނޫން.” ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ޝަހީމްގެ އަބުރު ކަތިލުމަށް ފޭކު ވީޑިޔޯތައް ހަދައިގެން ދައުރުކުރުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި މިފަދަ އަމަލުތައް ކުށްވެރިކުރުމުގެ ހިތްވަރު ކޮންމެ މީހެއްގެ ކިބައިގައި ވެސް ހުންނަން އެބަޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
“އަބުރު ކަތިލުމަށް އަސްލެއް ނެތް ވީޑިއޯ އުފެއްދުމަކީ ނާތަހުޒީބު އަމަލެއް. އަދި ހަމަ އެފަދައިން އެކި ފަރާތްތަކުގެ އަބުރުކަތިލުމަށް ހަގީގަތާ ހިލާފު ދޮގު ވާހަކަ ފެތުރުމަކީ ވެސް ބަލައިގަނެވިގެންވާނެ ކަންކަމެއް ނޫން.” ޝާހިދު ވިދާޅުވިއެވެ.
އަމިއްލަ މަންފާއަށް ވަކި ބަޔަކު މުޅި މުޖުތަމައުގެ ފޭރާން ވީދާ ޚަރާބު ކުރާއިރު އެކަމާ ދެކޮޅަށް ބަސްނުބުނެ ތިބެގެން ނުވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދުގެ އެ ޕޯސްޓާ ގުޅިގެން ޝަހީމް ވަނީ ޝާހިދު ދެއްވި ހިތްވަރަށް ޝުކުރު ވެސް އަދާކުރައްވައިފައެވެ. ޝަހީމް ވިދާޅުވީ ޝާހިދު އަބަދުވެސް ބަހައްޓަވާ ގާތް ކަމުގެ އަގު ވަޒަން ކުރައްވާ ކަމަށެވެ.