ހއ. މާރަންދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑި އަށް މެންބަރަކު ހޮވަން އިއްޔެ ބޭއްވި ބައި އިލެކްޝަންގެ ނަތީޖާ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އަށް ތާރީޚީ ކާމިޔާބީއަކަށް ވެއްޖެ އެވެ.
އެ އިންތިހާބު ކާމިޔާބު ކުރެއްވީ އެ ރަށު އަބްދުލްހަމީދު އަބްދުލްސައްތާރެވެ. މިއީ، މިދިޔަ ހަ އަހަރުގެ ތެރޭގައި މާރަންދޫން ޕީއެންސީ އަށް ނުވަތަ ޕީޕީއެމް ފިކުރުގެ ބަޔަކަށް ހޯދުނު ފުރަތަމަ ކާމިޔާބީ އެވެ.
މީގެ ކުރިން، މާރަންދޫގައި ނެގި ހުރިހާ ވޯޓެއްގައި ވެސް ކުރި ހޯދާފައި އޮތީ އިދިކޮޅު އެމްޑީޕީންނެވެ.
އަބްދުލްހަމީދު ބައި-އިލެކްޝަން ކާމިޔާބުކުރެއްވީ 285 ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ޝިހާމް މުހައްމަދަށް ލިބުނީ 250 ވޯޓެވެ.
ހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ މާރަންދޫ ކައުންސިލްގެ ބައި-އިލެކްޝަންގައި 736 މީހުންނަށް ވޯޓުލެވޭއިރު، އިއްޔެ ވޯޓުލީ 560 މީހުންނެވެ. އޭގެ ތެރެއިން 25 ވޯޓަކީ ބާތިލު ވޯޓެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު 2018 އިގެ ފަހުން ބޭއްވި ހުރިހާ އިންތިހާބުތަކެއްގައި މާރަންދޫން ކާމިޔާބު ހޯދީ އެމްޑީޕީ އެވެ. މީގެ ހަ އަހަރު ކުރިން 2018 ގައި ބޭއްވި ރިޔާސީ އިންތިހާބާއި ޖެހިގެން އައި 2019 ގެ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އަދި 2021 ގައި ކައުންސިލް އިންތިހާބުގައި މާރަންދޫގެ ތިން ގޮނޑި ވެސް ހޯދީ އެމްޑީޕީންނެވެ.
އޭގެ ފަހުން މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެ ބުރު އަދި މި އަހަރުގެ މަޖިލިސް އިންތިހާބުގައި ވެސް މާރަންދޫގެ ވޯޓު ބުރަވީ އެމްޑީޕީ އަށެވެ.
އެހެންވެ، އިއްޔެ ބޭއްވި މާރަންދޫ ކައުންސިލްގެ ބައި-އިލެކްޝަނަކީ މި ސަރުކާރު އަދި ޕީއެންސީގެ ކާމިޔާބީގެ ލިސްޓުގައި މުހިންމު ނަތީޖާއެއް ކަމަށް އެ ޕާޓީގެ އިސްވެރިން ވިދާޅުވި އެވެ. މި ބައި-އިލެކްޝަންގައި ވެސް ޕީއެންސީ އާއި އެމްޑީޕީގެ ލީޑަޝިޕުން ނުކުމެ ކެމްޕެއިން ކުރި އެވެ.
މި ބައި-އިލެކްޝަން ބޭއްވީ މާރަންދޫ ކައުންސިލްގެ ނައިބު ރައީސަކަށް ހުންނެވި އަހުމަދު ރަމީޒު މިދިޔަ ޖުލައި މަހުގައި ކުއްލި ގޮތަކަށް ނިޔާވުމުންނެވެ.
ބައި-އިލެކްޝަން އަބްދުލްހަމީދު ކާމިޔާބުކުރެއްވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޕީއެންސީގެ ހަމީދަށް ރޭ މަރުހަބާ ވިދާޅުވެފަ އެވެ. އަދި އޭނާއަށް އެ އިންތިހާބު ކާމިޔާބުކޮށްދިނުމަށް މަސައްކަތްކުރި މީހުންނަށާއި ވޯޓުލީ މީހުންނަށް ވެސް ރައީސް ޝުކުރު އަދާކުރެއްވި އެވެ.
މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބާއި އޭގެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގެ އިތުރުން މި ފަހަކަށް އައިސް ބޭއްވި އެކިއެކި ބައި-އިލެކްޝަންތަކުން ބޮޑު ކާމިޔާބީއެއް ހޯދާފައި ވަނީ ވެސް ޕީއެންސީ އެވެ.